އިންޑިއާގެ ސިނަމާތަކުން "ޗަޕާކް" އަށް 32 ކްރޯޑް ރުޕީސް

މެގްނާ ގުލްޒާރް ޑައިރެކްޓްކޮށް، އެކްޓްރެސް ދީޕިކާ ޕަދުކޯން ލީޑް ރޯލުން ފެނިގެންދާ ފިލްމް "ޗަޕާކް" އަށް އިންޑިއާގެ ސިނަމާތަކުން ލިބުނު އާމްދަނީ 32.48 ކްރޯޑް ރުޕީސް އަށް އަރައިފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ރިލީޒްކުރި ފިލްމް، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަޅުވާފައިވާއިރު، ގްލޯބަލް ބޮކްސް އޮފީހުގައި މި ފިލްމަށް 1.84 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

ފިލްމް "ޗަޕާކް" އުފެއްދުމަށް ގާތްގަނޑަކަށް 23 ކްރޯޑް ރުޕީސް ހޭދަވެފައިވާ ކަމަށް، އިތުބާރު ހުރި މަސްދަރުތަކާއި ހަވާލާދީ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. އޭގެ އިތުރަށް ފިލްމް އިސްތިހާރު ކުރުމަށް އިތުރު 12 ކްރޯޑް ރުޕީސް ވަނީ ހޭދަކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމަށް ސިނަމާއިން ލިބުނު އާމްދަނީގެ އިތުރަށް، ފިލްމްގެ މިއުޒިކް އަދި ސެޓްލައިޓް ރައިޓްސް ވިއްކައިގެންވެސް ވަނީ އާމްދަނީ ހޯދާފައެވެ. އެގޮތުން ސެޓްލައިޓް ރައިޓްސް ވިއްކައިގެން 23 ކްރޯޑް ރުޕީސް އަދި މިއުޒިކް ރައިޓްސް ވިއްކައިގެން 3 ކްރޯޑް ރުޕީސް ހޯދާފައިވެއެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝީ އަގަރްވާލްގެ ހަޔާތަށް ނެރެފައިވާ ފިލްމެކެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި، މި ފިލްމްއިން ޓެކްސް ނުނަގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ރާޖަސްތާން އާއި މަދްޔަ ޕްރަދޭޝް ހިމެނެއެވެ. އޭގެ އިތުރުން އިންޑިއާގެ އުއްތަރްހާންދް ސަރުކާރުން ވަނީ އެސިޑް ހަމަލާގެ ޝިކާރައަކަށް ވެފައި ތިބި މީހުންނަށް ކޮންމެ މަހަކު ލިބޭ ޕެންޝަން ސްކީމެއް ތައާރަފުކޮށްފައެވެ.