
"ފެންޓާސްޓިކް ބީސްޓްސް 3" ގެ ޝޫޓިން ފަށާނީ ކޮންއިރަކުންކަން އިއުލާނުކޮށްފި
ވާނާ ބްރަދާޒްގެ ފެންޓަސީ ފިލްމް "ފެންޓާސްޓިކް ބީސްޓްސް" ސިލްސިލާގެ ތިންވަނަ ފިލްމްގެ ޝޫޓިން އަންނަ އަހަރުގެ މާޗް މަހު ފެށުމަށް ނިންމައިފިއެވެ.
މި ފިލްމްގެ ވާހަކަ ލިޔެފައިވަނީ "ހެރީ ޕޮޓާ" ގެ ވާހަކަވެސް ލިޔުނު މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޭކޭ ރޯލިންއެވެ. "ފެންޓާސްޓިކް ބީސްޓްސް" އަކީ "ހެރީ ޕޮޓާ" ގެ ސްޕިނިން-އޮފް ފްރެންޗައިޒެކެވެ.
"ފެންޓާސްޓިކް ބީސްޓްސް" ގެ ފުރަތަމަ ފިލްމަކީ 2016 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ފެންޓާސްޓިކް ބީސްޓްސް އެންޑް ވެއާ ޓު ފައިންޑް ދެމް" އެވެ. ދެވަނަ ފިިލްމް "ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރެންޑެލްވާލްޑް" ރިލީޒްކުރީ މިދިޔަ އަހަރުއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފްރެންޗައިޒްގެ ތިންވަނަ ފިލްމް ޑައިރެކްޓްކުރާނީ ކުރީގެ ދެ ފިލްމްވެސް ޑައިރެކްޓްކުރި ޑޭވިޑް ޔަޓްސްއެވެ.
ކުރީގެ ދެ ފިލްމުން ފެނިގެންދިޔަ ގިނަ ކާސްޓުން ތިން ވަނަ ފިލްމުންވެސް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އެޑީ ރެޑްމޭން، ކެތަރީން ވޯޓަސަން، އެޒްރާ މިލާ އަދި ޖޮނީ ޑެޕް ހިމެނެއެވެ.
"ފެންޓާސްޓިކް ބީސްޓްސް" ގެ ތިން ވަނަ ފިލްމް ސިނަމާތަކަށް އަންނާނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.