ޑެޑްޕޫލް

"ޑެޑްޕޫލް" ގެ ތިންވަނަ ފިލްމެއް އުފައްދަނީ

"ޑެޑްޕޫލް" ގެ ތިންވަނަ ފިލްމް އުފެއްދުމަށް ނިންމައިފިއެވެ.

އެމެރިކަން ސުޕަހީރޯ ފިލްމް، "ޑެޑްޕޫލް" ގެ ތިންވަނަ ބައި އުފެއްދުމަށް ނިންމާފައިވާކަން އިއުލާނުކުރީ ފިލްމްގެ ކޯ-ކްރިއޭޓަރު ރޮބް ލައިފްލްޑް ޓެގްކޮށް މީހަކު ޓްވިޓާގައި ކުރި ސުވާލަކަށް ޖަވާބު ދެމުން ރޮބް ލައިފްލްޑެވެ.

ރޮބް ބުނީ "ޑެޑްޕޫލް" ގެ ތިންވަނަ ފިލްމެއް ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށެވެ. އެއާއެކު މީހުން ވަނީ މިފަހަރުވެސް "ޑެޑްޕޫލް" ގެ ރޯލުން މި ސީރީޒްގެ ކުރީގެ ފިލްމްތަކެކޭ އެއްފަދައިން ފެނިގެންދާނީ ރަޔަން ރޭނޮލްޑްސް ތޯ ސުވާލުކޮށްފައެވެ. ނަމަވެސް އެ ސުވާލަށް ރޮބް ޖަވާބެއް ނުދެއެވެ. އަދި ފިލްމާއި ބެހޭ އިތުރު ތަފުސީލެއްވެސް ނުދެއެވެ.

"ޑެޑްޕޫލް" ގެ ތިންވަނަ ފިލްމެއް ގެނެސްދޭނެ ކަމަށް ފިލްމްގެ ކޯ-ކްރިއޭޓަރު ބުނެފައިވާއިރު އެކަމާ ގުޅޭ ގޮތުން ފިލްމް އުފައްދާ ސްޓޫޑިއޯ މާވެލް އިން އަދި ބަހެއް ބުނެފައިނުވެއެވެ.

ކާމިޔާބު ފުރަތަމަ ފިލްމަކަށްފަހު "ޑެޑްޕޫލް 2" ރިލީޒްކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. ޑެޑްޕޫލްގެ ރޯލުން މިހާތަނަށް ފެނިގެން ގޮސްފައިވަނީ ރަޔަން ރޭނޮލްޑްސްއެވެ.