މުމްބާއީ ސާގާ ގެ ބައެއް ކާސްޓުން

"މުމްބާއީ ސާގާ" ގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ގޭންގްސްޓާރުންގެ ވާހަކަ ކިޔައިދޭ ފިލްމް، "މުމްބާއީ ސާގާ" ގެ މަސައްކަތް ފަށަށް ތައްޔާރުވެއްޖެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށްފައިވާއިރު، ފިލްމްތަކުގެ މަސައްކަތްވެސް ވަނީ ހުއްޓިފައެވެ. ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން 12 ދުވަހުގެ ތާވަލެއް ހަދައިގެން، އަންނަ ޖުލައި މަހުގެ ތެރޭގައި ފިލްމްގެ މަސައްކަތް ހައިދަރްއާބާދުގައި ކުރިއަށް ގެންދިއުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

ސަންޖޭ ގުޕްތާ ޑައިރެކްޓްކުރާ މި ފިލްމްގެ ލީޑް ކާސްޓުންނަކީ ޖޯން އަބްރަހަމް އާއި އިމްރާން ހަޝްމީއެވެ. މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ސުނިލް ޝެޓީ، ޖެކީ ޝްރޮފް އަދި ޕްރަތީކް ބައްބަރު ހިމެނެއެވެ. މި ޖޫން މަހު ރިލީޒްކުރަން އޮތް ފިލްމްގެ މަސައްކަތް ހުއްޓުނީ ކޮވިޑް-19 ގެ ސަބަބުންނެވެ.

ގުޕްތާ ބުނި ގޮތުގައި ފިލްމްގެ ޝޫޓިން ކުރިއަށް ގެންދާނީ ހައިދަރްއާބާދުގައި ހުންނަ ރަމޮޖީ ފިލްމް ސިޓީގައެވެ. ބޭނުންވާ ހުރިހާ ވަސީލަތްތައް އެތަނުގައި އެބަހުރި ކަމަށާއި އިން-ހައުސް ކްރޫންނާއި ޓެކްނިކަލް ސްޓާފުންވެސް އެތަނުގައި ތިބޭ ކަމަށް ގުޕްތާ ބުންޏެވެ.

ފިލްމްގެ މަސައްކަތަށްދާ ޓީމްގެ މެންބަރުން ތިބޭނެ ހޮޓެލްތައްވެސް އެތަނުގައި ހުރުމުން ރިސްކް ކުޑަވެގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.