"ވާރ" 400 ކްރޯޑް ކްލަބަށް

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް ލީޑްރޯލު ކުޅެފައިވާ ފިލްމް "ވާރ" އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އާމްދަނީ 400 ކްރޯޑް ރުޕީސަށް އަރައިފިއެވެ.

ފިލްމް ޕްރޮޑިއުސްކުރި ކުންފުނި، ޔަޝް ރާޖް ފިލްމްސް އިން ބުނި ގޮތުގައި 12 ދުވަހުގެ ތެރޭގައި ފިލްމަށް ވަނީ 406 ކްރޯޑް ރުޕީސް ލިބިފައެވެ.

މިހާރުވެސް ބޮލީވުޑް ބޮކްސް އޮފީހުގައި "ރަސްކަން" ކުރަމުން އަންނަ މި ފިލްމް ވަނީ ބޮލީވުޑް ބޮކްސް އޮފީހުގެ ރެކޯޑްތަކެއް މުގުރާލާފައެވެ. މިއީ ރިތިކް ރޯޝަން އަދި ޓައިގާ ޝްރޮފް ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން، ފިލްމް އެޅުވި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ.

މި ފިލްމަކީ ހިންދީ ފިލްމެއް ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ލިބުނު ފިލްމެވެ. މި ފިލްމް އެޅުވި ފުރަތަމަ ދުވަހު އިންޑިއާއިން އެކަނި 51.50 ކްރޯޑް ރުޕީސް ލިބިފައިވެއެވެ.

"ވާރ" އަކީ މިއަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން އެންމެ އަވަހަށް 100 ކްރޯޑް އަދި 200 ކްރޯޑް ރުޕީސް ލިބުނު ފިލްމެވެ.