މިއަހަރު ނުކުތް އެންމެ ކާމިޔާބު ބޮލީވުޑް ފިލްމުތައް

އަހަރުގެ ބޮޑުބައި ނިމުނުއިރު، ބޮލީވުޑަށް އާ ގިނަ ފިލްމްތަކެއް ވަނީ ފެނިގެންގޮސްފައެވެ. ބައެއް ފިލްމުތައް ހީނުކުރާވަރުގެ ބޮޑެތި ކާމިޔާބީތައް ހޯދިއިރު، ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު ފެނުނު ބައެއް ފިލްމްތަކަށް ބެލުންތެރިންގެ ތަރުހީބެއް ނުލިބުނެވެ. ތަފާތު ނަންތަކުގެ ފިލްމާއި، ކުޑަ ބަޖެޓަކުން ނެރެވުނު މޮޅެތި ފިލްމާއި، ތަފާތު ފަންނާނުން ވަނީ މިއަހަރުގެ މިހާތަނަށް ސްކްރީންއިން ފެނިފައެވެ. މި ފިލްމު ތަކަކީ ކޮބައިތޯ ބަލާލަން ހިނގާށެވެ.

ބޮލީވުޑްގެ ހަބަރު ބަލާ މީހުންނަށް ސަލްމާން ޚާންގެ "ބާރަތު" އާއި، އަކްޝޭ ކުމާރްގެ "ކެސާރީ" އާއި ގިނަ އަދަދެއްގެ ތަރިން ފެނިގެންދިޔަ "ޓޯޓަލް ދަމާލް" އާއި ރިތިކް ރޯޝަންގެ "ސުޕަރ 30"ގެ ވާހަކަ އަޑު ނީވިއެއް ނުހުންނާނެއެވެ. މިއިން ކޮންމެ ފިލްމަކީވެސް ބަލާލަން ޖެހޭވަރުގެ ފިލްމެކެވެ.

"ބާރަތު" އާއި "ކެސާރީ" އަކީ އިންޑިއާގެ ތާރީހަށް ބަލާލައިފައިވާ ދެ ފިލްމެވެ. ދެ ފިލްމުވެސް އޭގެ ޒާތުގައި ތަފާތު އިރު "ބާރަތު" ވަނީ ތާރީހުގެ ސަފްހާތަކަށް ބަލާލާފައެވެ. "ކެސާރީ" އިން ވަނީ އިންޑިއާގެ ތާރީހުން އިބުރަތް ނަގާފައެވެ. ވިކީ ކަޝަލް ފެނިގެން ދިޔަ "ޔޫރީ: ދަ ސަރޖިކަލް ސްޓަރައިކް" އަކީ އަހަރުގެ އެންމެ ބޮޑު ޝޮކެވެ. 342 ކަރޯޑު ރުޕީސްއަށް ވުރެ ބޮޑު ފައިދާއެއް މި ފިލްމުން ވަނީ ހޯދާފައެވެ. އެއަށްފަހު ފެނިގެންދިޔަ "ކާބިރް ސިންގް" ވަނީ ބްލޮކް ބަސްޓާއަކަށް ވެފައެވެ. އެންމެ ތަފާތު ފިލްމަކަށް އަޅުގަނޑަށް މިއަހަރު ފެނިފާވަނީ އަހަރުގެ ކުރީ ކޮޅު ނުކުތް "ގަލީ ބޯއީ" އެވެ. މި ފިލްމަކީ ރަންވީރް ސިންގްގެ އެންމެ މޮޅު އެކްޓިން ފެނިގެންދިޔަ އެއް ފިލްމެވެ. ޒޯޔާ އަޚްތަރް ގެ މި ފިލްމުވަނީ ރަނގަޅު ސްކްރިޕްޓެއް އޮވެގެން ކާމިޔާބީ އާ ހަމައަށް ދެވޭނެކަން ސާބިތު ކޮއްދީފައެވެ.

"މަރްދް ކޯ ދަރްދް ނެހީ ހޯތާ" އަކީ ކުޑަ ބަޖެޓް އަކުން ހެދިފައިވާ ފިލްމެއް ނަމަވެސް ފާޑުކިޔުންތެރިންގެ ރަނގަޅު ކޮމެންޓު ވަނީ މި ފިލްމަށް ލިބިފައެވެ. މާޝަލް އާޓްސްއާއި ލޯބީގެ ވާހަކަ މި ފިލްމުން ފެނިގެންދެއެވެ. ރިތޭޝް ބަތްރާގެ "ފޮޓޯގްރާފް" އަކީވެސް ކުޑަ ބަޖެޓަކުން އުފެއްދި ވަރަށް ރީތި ފިލްމެކެވެ.

ރީތި ފިލްމު ތަކުގެ ވާހަކަ ދެއްކިއިރު ބައެއް ކަމުނުދާ ފިލްމުތަކުގެ ވާހަކަވެސް ދައްކާލާނަމެވެ. ބޮޑު ބަޖެޓަކާއި އެކު އުފެއްދި "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އަދި "ކަލަންކް" އަކީ އަހަރުގެ އެންމެ ބޮޑު ދެ ނާކާމިޔާބީއެވެ. ފިލްމު ތަކުގައި މަޝްހޫރު ތަރިން ނެތީއެއްވެސް ނޫނެވެ. ނަމަވެސް ފާޑުކިޔުންތެރިންގެ ފާޑު ކިޔުންތައްވަނީ މި ދެފިލްމަށް ރައްދުވެފައެވެ. މި ދެފިލްމަށް ހީކުރިވަރުގެ ކަމިޔާބީއެއް ލިބިފައެއް ނުވެއެވެ. އަދި މީގެ އިތުރުން މިދިޔަ ހަފުތާ ނުކުތް "ޖަޖްމެންޓަލް ހޭ ކިޔާ" އަށް ދަނީ ތަރުހީބު ކުޑަވަމުންނެވެ.