ކުރީ ޒަމާނުގައި އޮޕަރޭޝަން ކުރުމުގެ ކަންކަން އޮންނަ ގޮތް ދަށްކުވައިދޭ ކުރެހުމެއް

19 ވަނަ ގަރުނުގައި އޮޕަރޭޝަން ކުރުމުގެ ބިރުވެރިކަން

19 ވަނަ ގަރުނުގައި އޮޕަރޭޝަން ކުރުމުގެ ތެރޭގައި ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ވަނީ މަރެވެ. މިކަމުގެ އެންމެ ބޮޑު ސިއްރަކީ އެޒަމާނުގެ ހޮސްޕިޓާތަކަކީ އެއްވެސް ސާފުތާހިރުކަމުގެ މިންގަނޑެއް ހުންނަތަންތަން ކަމަށް ނުވާތީއެވެ. އޭރުގެ ގިނަ ޑޮކްޓަރުން އަތް ދޮންނަން ދެކޮޅު ހަދާނެއެވެ. އަދި ގައިން ގަޔަށް ޖަރާސީމު އަރާ ވާހަކައަކީ ގަބޫލުނުކުރެވޭ މީހުން ހަޖޫޖަހާކަމަކަށް އޮންނަނީ ވެފައެވެ.

ގިނަ ޑޮކްޓަރުން އަޅައިގެން އުޅޭ ކޯޓު ނުވަތަ އެޕްރޯން ފުރިފައި ހުންނާނީ ލެޔެވެ. އެއް ބަލި މީހާ ކައިރިން އަނެއް ބަލި މީހާ ކައިރިއަށް ދާއިރު އިތުރު ލޭ އުނގުޅުމުން ބެލެވެނީ އެއީ ޝަރަފެއްގެ ގޮތުގައެވެ.

އިނގިރޭސި ވިލާތުގެ ސާޖަންއެއް ކަމަށްވާ ރޮބާރޓް ލިސްޓަން މަޝްހޫރުވަނީ ހުޅަނގުގެ އެންމެ އަވަސް އަތުގެ ގޮތުގައެވެ. ލިސްޓަން މީހެއްގެ ފައި ބުރި ކޮށްލަން 30 ސިކުންތުވެސް ނުނަގާނެއެވެ. އެޒަމާނުގައި އެއްވެސް ތަދުކަނޑުވާ ބޭހެއް ނުހުންނައިރު ލިސްޓަން ވަނީ ބަލި މީހާ ލަވާ ހަޅޭކުގެ އަޑުތަކަށް ބީރު ކަންފަތް ދޭން ދަސްކޮށްފައެވެ.

ލިސްޓަންގެ އަމާޒަކީ އަވަސް ކުރުމެވެ. އެއްފަހަރަކު ލިސްޓަން މީހެއްގެ ފައި ބުރި ކޮށްލަން އުޅުމުގެ ތެރޭގައި އޭނަގެ އެހީ ތެރިއެއްގެ ގޮތުގައި ހުރި މީހެއްގެ ތިން އިނގިލިވެސް ބުރިކޮށްލިއެވެ. އަދި ފައި ބުރި ކޮށްލުމަށް ފަހު ވަޅި އަނބުރާ ނެގުމުގެ ތެރޭގައި ބަލަން ހުރި މީހެއްގެ ކޯޓު ކަފައިން ދިޔުމުން އެމީހާ ވެއްޓުނީ ބިރުން މަރުވެގެންނެވެ. ފަހުން އިންފެކްޝަން އުފެދިން ފައި ބުރި ކޮއްލިމީހާވެސް އަދި އިނގިލިތައް ބުރިވި އެހީތެރިޔާވެސް މަރުވިއެވެ.

އެޒަމާނުގައި ހޮސްޕިޓާތައްކަށް މީހުން ކިޔާ އުޅެނީ "މަރުގެ ދޮރާށީ"ގެ ނަމުންނެވެ. ބައެއް ބާވަތްތަކުގެ އޮޕަރޭޝަން ތަކުގެ މަރުގެ ރޭޓު އުޅެނީ 300 އިންސައްތައިގައެވެ.

އޭރުގެ އޮޕަރޭޝަން ކުރާ ކޮޓަރިތައް އޮންނާނީ ދަސްކުރާ ޑޮކްޓަރުންނާއި ކުޅިބަލަން އަންނަ އާންމު މީހުންތަކުން ފުރިފައެވެ. އާންމުން އޮޕަރޭޝަން ކުރާތަން ބަލަން އަންނަނީ ޓިކެޓުގަނެގެންނެވެ.

މިއީ މީގެ 173 އަހަރު ކުރީގެ ވާހަކަތަކެވެ. ޒުވާން ސާޖަންއެއްކަމަށްވާ ޖޯސެފް ލިސްޓަރ މީގެ 173 އަހަރު ކުރިން ޖަރާސީމަކީ ގައިން ގަޔަށް އަރާ އެއްޗެއްކަމަށް ބެލުމާއި ހިސާބުން ބޭސްވެރިކަމުގެ ދުނިޔެ ބަދަލުވެގެން ދިޔައެވެ. ނަމަވެސް އެންމެ ފުރަތަމަ ލިސްޓަރ ގެ މި ހިޔާލު ގިނަ ބަޔަކު ގަބޫލު ކުރަން ދެކޮޅު ހެދިއެވެ.