މަންޑޭލާ ކުރެހި ކުރެހުން

މަންޑޭލާގެ "ޖަލު ގޮޅީގެ ދޮރު" ގެ ކުރެހުން ވިއްކާލަނީ

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ ކުރައްސަވާފައިވާ "ޖަލު ގޮޅީގެ ދޮރު" ކުރެހުން ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.

އެ ކުރެހުމަކީ، މަންޑޭލާ 18 އަހަރު ދުވަސް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓި ރޮބެން އައިލެންޑްގެ ޖަލު ގޮޅީގެ ދޮރުގެ ކުރެހުމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މަންޑޭލާ، އެ ކުރެހުމުގެ މަސައްކަތް ނިންމަވާލެއްވީ 2002 ވަނަ އަހަރުއެވެ. މިއީ މި ކުރެހުން އާންމުކޮށް އެގްޒިބިޝަނެއްގައި ދައްކާލާ ފުރަތަމަ ފަހަރެވެ. އަދި މިއީ މަންޑޭލާ ކުރެހި ކުރެހުމެއް ބާޒާރުގައި ވިއްކާލާ ފުރަތަމަ ފަހަރެވެ.

 

މި ކުރެހުން ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ ދެވަނަ ދުވަހު ނިއު ޔޯކުގައެވެ.

ކްރެޔޯން ބޭނުންކޮށްގެން ކުރަހާފައިވާ މި ކުރެހުމުން ދައްކުވައިދެނީ މަންޑޭލާ ހައްޔަރުކޮށްފައި ބެހެއްޓި ޖަލު ގޮޅީގެ ތޭރިތަކެވެ. ގޮޅީގެ ބޭރުން ގޮޅީގެ ދޮރުގެ ތަޅަށް ތަޅުދަނޑި ޖަހާފައިވާ މަންޒަރު ކުރެހުމުން ފެންނަ މި ކުރެހުމުގައި މަންޑޭލާ ވަނީ ސޮއި ކުރައްވާފައެވެ.

މަންޑޭލާ ވަނީ ތަފާތު އެކި ފަހަރު މަތިން ޖަލަށް ލެވިފައެވެ. އެގޮތުން ޖުމްލަ 27 އަހަރު ދުވަސް ޖަލުގައި ހޭދަ ކުރެއްވިއެވެ. މަންޑޭލާ އަވަހާރަވީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.