ޑްރޯންގެ އެހީގައި، ލައިބްރަރީ ފޮތް ފޯރުކޮށްދެނީ

ޑްރޯންގެ އެހީގައި ލައިބްރަރީ ފޮތް ފޯރުކޮށްދޭން ފަށައިފި

އެމެރިކާގެ ސްކޫލެއްގެ ދަރިވަރުންނަށް، ޑްރޯންގެ އެހީގައި ލައިބްރަރީ ފޮތް ފޯރުކޮށްދޭން ފަށައިފިއެވެ.

ޑްރޯންގެ އެހީގައި، ދަރިވަރުންނަށް ލައިބްރަރީ ފޮތްތައް ފޯރުކޮށްދެނީ އެމެރިކާގެ ވާޖީނިއާގެ ސްކޫލެއްގެ ލައިބްރޭރިއަންޓެއް ކަމުގައިވާ ކެލީއެވެ. އެމެރިކާގެ ސީބީއެސް ނިއުސް އަށް މައުލޫމާތު ދެމުން ކެލީ ބުނީ ދަރިވަރުންނާއި ގާތް ގުޅުމެއް ބޭއްވުމަކީ އޭނާއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ފެށުމުން، އެ ގުޅުން ބާއްވަން އުނދަގޫވި ކަމަށް ކެލީ ބުންޏެވެ.

ދަރިވަރުންނާ ގާތްކަން ދެމެހެއްޓުމަށް ކުރާނެ ކަމަކާމެދު ވިސްނުމުގެ ތެރޭގައި ކެލީއަށް ވިސްނުނީ "ވިންގް" ގެ އެހީ ހޯދުމަށެވެ.

"ވިންގް" އަކީ ގޫގުލްގެ ބެލެނިވެރި ކުންފުނިކަމުގައިވާ އަލްފަބެޓްގެ ސަބްސިޑަރީއެކެވެ. ކެލީ އާއި އޭނާގެ އާއިލާއަށް ބޭނުންވާ ބައެއް ތަކެތި ގެއަށް ގެނައުމުގައިވެސް "ވިންގް" އަކީ ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ.

ސްކޫލުގެ ލައިބްރަރީ އިން ދަރިވަރުން ބޭނުންވާ ފޮތްތައް، މި ހާލަތުގައިވެސް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް "ވިންގް" ބޭނުން ކުރެވިދާނެ ކަމަށް ކެލީ ގަބޫލުކުރިއެވެ. ލައިބްރަރީ އިން ފޮތެއް ބޭނުންނަމަ ދަރިވަރުން އެކަމަށް ހާއްސަ އޮންލައިން ފޯމެއް ފުރިހަމަ ކުރަންޖެހެއެވެ. ދަރިވަރުން ދިރިއުޅޭ ގޭގެ ދޮރާއި ހަމައަށް، ޑްރޯންގެ އެހީގައި ފޮތް ގެންގޮސްދެއެވެ.