އިންޑިއާއަށް އަލުން ޗީތާ ގެނެވިދާނެ ކަމަށް އެގައުމުގެ ކޯޓުން ކަނޑައަޅައިފި

އިންޑިއާއަށް އަލުން، ޗީތާ ތައާރަފު ކުރެވިދާނެ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އެ ގައުމުގެ ސުޕްރީމް ކޯޓުން މި ގޮތަށް ކަނޑައަޅާފައި ވަނީ، އިންޑިއާގެ ސަރުކާރުން ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. އިންޑިއާއަށް އަލުން ޗީތާ ގެނެވިދާނެ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، އެގައުމުން ޗީތާ ނެތިގެން ގޮސްފައިވާތާ މިހާރު ވަނީ 70 އަހަރު ވެފައެވެ.

ޗީތާ ތައާރަފު ކުރެވެން ޖެހޭނީ "ފަރުވާތެރިކަމާއެކު އިހުތިޔާރު ކުރެވޭ ސަރަހައްދުތަކަކަށް" ކަމަށާއި ޗީތާ ގެނެވޭނީ އިންޑިއާއިން ކަނޑައަޅާ ކަންކަން ތަންފީޒު ކުރެވޭ ގޮތަށް އެކަނި ކަމަށްވެސް އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޗީތާއަކީ ބިމުގައި އެންމެ ބާރަށް ދުވާ ޖަނަވާރެވެ. ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީސީސް ގައިވާ ގޮތުން ޗީތާއަކީ ދުނިޔެއިން ނެތިގެން ދިޔުމުގެ ބިރު ހީވެފައިވާ ޖަނަވާރެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދުނިޔޭގައި މިވަގުތު އުޅެނީ ގާތްގަނޑަކަށް 7100 ޗީތާއެވެ. އޭގެ ތެެރެއިން ބޮޑު އިންސައްތައެއް ދިރިއުޅެނީ އެފްރިކާ ބައްރުގައެވެ.

މީގެ ކުރިން އިންޑިއާގައިވެސް ޗީތާ އުޅުނެވެ. ރިޕޯޓްތައް ބުނާ ގޮތުން، ބަކަރި، ކަންބަޅި ގެންގުޅޭ މީހުން ނުކުމެ 200 އަށްވުރެ ގިނަ ޗީތާ މަރާލިއެވެ. އިންޑިއާއިން ޗީތާ ނެތިގެން ދިޔައީ އެގައުމަށް 1947 ގައި މިނިވަންކަން ލިބުނު ފަހުންނެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގެ އެ ނިންމުމަށް، އެގައުމުގެ ތިމާވެއްޓާބެހޭ ވުޒާރާގެ ވަޒީރުކަން ކުރިން އަދާކުރެއްވި ޖަރިރަމް ރަމޭޝް ވަނީ މަރުހަބާ ދަންނަވާފައެވެ.