މި ހޮޓެލްގައި ކޮޓަރިން ބޭރު ބަލާލުމުން ފެންނާނީ ޕޯލާ ބެއާ

ދުނިޔޭގެ ފުރަތަމަ "ޕޯލާ ބެއާ ހޮޓެލް" ޗައިނާގައި ހުޅުވައިފިއެވެ.

މި ހޮޓެލް ހުންނަނީ ޗައިނާގެ ހެއިލޯންގްޖަންގް ޕްރޮވިންސްގެ ވެރިރަށް ހާބިންގައެވެ. ހާބިން ޕޯލާލޭންޑް ތީމް ޕާކްގެ ބައެއްގެ ގޮތުގައި މިފަދަ ހޮޓަލެއް ހުޅުވުމުން ގެސްޓުންގެ ތަރުހީބު ލިބެމުންދާއިރު ޖަނަވާރުތަކުގެ ހައްގުތަކަށް މަސައްކަތްކުރާ މީހުން ދަނީ ފާޑުކިޔަމުންނެވެ.

ހޮޓެލް ހުޅުވާފައިވަނީ ހުކުރު ދުވަހުއެވެ. ގެސްޓުން ތިބުމަށް ހާއްސަ 21 ކޮޓަރި މިތަނުގައި ހުންނައިރު، ކޮޓަރިން ބޭރު ބަލާލުމުން ޕޯލާ ބެއާތައް ފެނެއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ މި ހޮޓެލްގެ ފޮޓޯ އާއި ވީޑިއޯ އާންމުކޮށްފައެވެ. ހޮޓަލުގެ ކޮޓަރީގެ އަގުތައް އުޅެނީ ރެއަކަށް 290.10 އެމެރިކާ ޑޮލަރާއި 351.56 ޑޮލަރާ ދެމެދުގައެވެ.

ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕެއް ކަމަށްވާ ޕީއީޓީއޭގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޖޭސަން ބޭކާ ވިދާޅުވި ގޮތުގައި ޕޯލާ ބެއާއަކީ އާޓިކްއަށް ނިސްބަތްވާ އެއްޗެކެވެ. އެއީ ޒޫ ނުވަތަ އެކުއޭރިއަމެއްގައި ބިއްލޫރި ފޮއްޓަކަށް އަދި ހާއްސަކޮށް ހޮޓަލަކަށް ނިސްބަތްވާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕޯލާ ބެއާއަކީ އޭގެ ގުދުރަތީ މާހައުލުގައި ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 18 ގަޑިއިރު ހަރަކާތްތެރިކޮށް އުޅޭ އެއްޗެކެވެ. ޕޯލާ ބެއާ ގެ ކަމަށް ބަލައިގެން އުޅޭ މާހައުލު 1000 މޭލާ ހަމަޔަށް ދެމިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.