10 އަހަރުގެ ކުއްޖެއްގެ ކަރުގައި ޒިބެއް ތާށިވެއްޖެ!

ނިއުޔޯކްގައި އުމުރުން 10 އަހަރުގެ ކުއްޖެއްގެ ކަރުގައި ޒިބެއް ތާށިވެއްޖެއެވެ.

އެ ކުއްޖާގެ ކަރުގައި ތާށިވި އެ ޒިބަކީ ވޯލްމާޓް އިން ގަތް އެޕަލް ޕައިއެއްގެ ތެރޭގައި އޮތް އެއްޗެކެވެ. އެ ކުއްޖާގެ ކަރުގައި އެއްޗެއް ތާށިވެގެން އުޅޭކަން އެނގުމުން އެ ކުއްޖާގެ މަންމަ ކެލީ މަރެކްއޭ ވަނީ ވަގުތުން ފަސްޓް އެއިޑް ދޭން ފަށާފައެވެ. މިހާރު ދަރިފުޅުގެ ހާލު ރަނގަޅު ކަމަށްވެސް ކެލީ ވަނީ ބުނެފައެވެ.

އެ ހާދިސާގެ ވާހަކަ ކެލީ ވަނީ ފޭސްބުކްގައި ހިއްސާކޮށްފައެވެ. ވޯލްމާޓްގެ އެ ފިހާރަށް ކެލީ ގުޅައި، އެތަނުގެ ސުޕަވައިޒަރަކަށް އެކަމުގެ ޝަކުވާކުރުމުން، އެ ފިހާރައިގައި ހުރި ޕައިތައް ނަގާނެ ކަމަށް ސުޕަވައިޒަރު ބުނި ކަމަށް ކެލީ ވަނީ ބުނެފައެވެ. އަދި ވޯލްމާޓްގެ ހެޑް އޮފީހަށް ގުޅުމަށްފަހު އަނބުރާ ކެލީއަށް ގުޅާނެ ކަމަށް ވޯލްމާޓުން ބުނި ނަމަވެސް އެ ފިހާރައިން ނުގުޅާ ކަމަށް ކެލީ ވަނީ ބުނެފައެވެ.

ފޮކްސް ނިއުސް އަށް ހުކުރު ދުވަހު ވޯލްމާޓުން އީމެއިލް ކުރި ބަޔާނެއްގައި ބުނެފައިވަނީ އެޕަލް ޕައި އަކުން ޒިބެއް ފެނުނު މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށާއި އެ ޕްރޮޑަކްޓްތައް މިހާރު ފިހާރައިގެ ހަރުގަނޑުތަކުން ނަގާފައިވާ ކަމަށެވެ.