ދިނޭޝް އޭނާ އުފެއްދި ރޮބެޓް ކައިރީގައި

47 ބަހުން ވާހަކަ ދައްކާ ރޮބެޓެއް އުފައްދައިފި

އިންޑިއާގެ ކޮމްޕިއުޓާ ސައިންސް ޓީޗަރަކު، 47 ބަހުން ވާހަކަ ދެއްކުމުގެ ގާބިލުކަން ލިބިފައިވާ ރޮބެޓެއް އުފައްދައިފިއެވެ.

ދިނޭޝް ޕަޓޭލް ނަމަކަށް ކިޔާ މި ޓީޗަރު އުފެއްދި ރޮބެޓަށް ދީފައިވާ ނަމަކީ "ޝާލޫ" އެވެ. އިންޑިއާގެ ނުވަ ބަހަކުން އަދި ބޭރުގެ 38 ބަހަކުން ވާހަކަ ދެއްކުމުގެ ގާބިލުކަން މި ރޮބެޓަށް ލިބިފައިވެއެވެ.

ޕަޓޭލް ބުނި ގޮތުގައި އޭނާ މި ރޮބެޓު އުފެއްދީ ކުނި ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި ޕްލާސްޓިކް، ކާޑްބޯޑް، ކަރުދާސް އަދި އެލްމެނިއަމް ހިމެނެއެވެ. ރޮބެޓު އުފެއްދުމަށް ތިން އަހަރު ނެގިއިރު، 50،000 ރުޕީސް ހޭދަވި ކަމަށް ޕަޓޭލް ވަނީ ބުނެފައެވެ.

މިއީ ޕްރޮޓޯޓައިޕެއް ކަމަށާއި މީހުން ދެނެގަތުމާއި ޖެނެރަލް ނޮލެޖް ސުވާލުތަކަށް ޖަވާބު ދިނުމުގެ ގާބިލުކަން ރޮބެޓަށް ލިބިފައިވާ ކަމަށް ޕަޓޭލް ބުންޏެވެ. ޚަބަރު ކިޔުމާއި ރެސިޕީ ކިޔުން ފަދަ ކަންކަން މި ރޮބެޓަށް ކުރެވޭނެ ކަމަށް ޕަޓޭލް ވަނީ ބުނެފައެވެ.

"ޝާލޫ" ވާހަކަ ދައްކާ ބަސްތަކުގެ ތެރޭގައި ހިންދީ، ތަމަޅަ، މަލަޔާލަމް، އިނގިރޭސި، ޖަރުމަން އަދި ޖަޕަނީޒް ހިމެނެއެވެ.