ފަސިންޖަރެއްގެ ޕްރެގްނެންސީ ޓެސްޓް ހަދަން މަޖުބޫރު ކުރެވުމުން މައާފަށް އެދިއްޖެ

ބަލިވެ އިންތޯ ބެލުމަށް ހަދާ ޓެސްޓް ހެދުމަށް ފަސިންޖަރަކަށް މަޖުބޫރު ކުރެވުމުން، އެއާލައިނަކުން މައާފަށް އެދިއްޖެއެވެ.

މި ޓެސްޓް ހެދުމަށް މަޖުބޫރު ކުރީ ހޮންގް ކޮންގް އެކްސްޕްރެސް އެއާވޭސް އިންނެވެ. މި ޓެސްޓް ހަދަން ޖެހުނީ ނޮދަން މަރިއާނާ އައިލެންޑްސްގެ ރަށެއް ކަމަށްވާ ސައިޕަން އަށް ދަތުރުކުރަން އުޅުނު ފަސިންޖަރަކަށެވެ.

އުމުރުން 25 އަހަރުގެ އެ އަންހެން ފަސިންޖަރު ބަލިވެ އިންތޯ ނުވަތަ ނޫންކަން ބެލުމަށް އެއާލައިނުން ވަނީ ޕްރެގްނެންޓް ޔޫރިން ސްޓްރިޕް އެއް ދީގެން ޓެސްޓް ކުރުވާއެވެ. ޓެސްޓްގެ ނަތީޖާ ދެއްކީ އެ މީހާ ބަލިވެ ނީންނަ ކަމަށެވެ. އެ ފަސިންޖަރަށް ފްލައިޓަށް އެރުމުގެ ހުއްދަ ލިބުނީ އޭގެ ފަހުންނެވެ.

ނޮދަން މަރިއާނާ އައިލެންޑްސް އަކީ އެމެރިކާގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. އެމެރިކާގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދަކަށް އުފަންވާ ކުދިންނަށް އެމެރިކާގެ ރައްވެހިކަން ލިބެއެވެ.

އެގޮތުން ސައިޕަން އަކީ، އެހެން ގައުމުތަކަށް ނިސްބަތްވާ މާބަނޑު މީހުން ވިހެއުމަށް ދިއުމަށް މަގުބޫލު ތަނެކެވެ.