ދެކުނު ކޮރެއާގައި ކުރިއަށް ދިޔަ ޑްރޯން ޑިސްޕްލޭ ބަލާލުމަށް ގޮސް ތިބި ބަޔަކު ފޮޓޯ ނަގަނީ

ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރީ ޑްރޯން ޑިސްޕްލޭއަކުން

ކޮވިޑް-19 އާ ދެކޮޅަށް ދެކުނު ކޮރެއާގައި ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ އޮފިޝަލުންނަށް އެ ގައުމުގެ ސަރުކާރުން ޝުކުރު އަދާކުރީ ތަފާތު ގޮތަކަށެވެ.

ސިއްހީ ދާއިރާގެ އޮފިޝަލުންނަށް ޝުކުރު އަދާކޮށް، ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ކުރަންވީ ކަންކަން އާންމުންނަށް ކިޔައިދީފައިވަނީ ޑްރޯން ޑިސްޕްލޭ އެއްގައެވެ. ދެކުނު ކޮރެއާގެ ސަރުކާރުން އިންތިޒާމު ކުރި މި ހަރަކާތް އޮތީ އެގައުމުގެ ވެރިރަށް ސޯލްގެ ހަންގަންގް ކޯރުގެ މަތީގައެވެ.

ދިހަ މިނެޓަށް ކުރިއަށް ގެންދިޔަ ޑްރޯން ޑިސްޕްލޭ އަކީ 300 ޑްރޯންއާއެކު ކުރިއަށް ގެންދިޔަ ޑިސްޕްލޭ އެކެވެ. މި ހަރަކާތަކީ ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް ލޭންޑް، އިންފްރާސްޓްރަކްޗާ އެންޑް ޓްރާންސްޕޯޓުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މާސްކް އެޅުމަށާއި، އަތް ދޮވުމަށާއި ސޯޝަލް ޑިސްޓެންސިން ބެހެއްޓުމަށް އާންމުންނަށް ހަނދާން ކޮށްދީ ޑްރޯން ޑިސްޕްލޭއެއް ވަނީ ގެނެސްދީފައެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ މުވައްޒަފުންނަށް ވަނީ މި ޑްރޯން ޑިސްޕްލޭގައި ޝުކުރު އަދާކޮށްފައެވެ.