2020 ވަނަ އަހަރު

މީލާދީ އާ އަހަރަކަށް ދުނިޔެ މަރުހަބާ ކިޔުމަށް މި ދަނީ ތައްޔާރުވަމުންނެވެ. މި ލިޔުމުގައި މި ބަލައިލަނީ 2020 ވަނަ އަހަރު ހިފާ ބައެއް އިރު ކޭތަ އާއި ހަނދު ކޭތަ އަށެވެ. އޭގެ އިތުރުން އަންނަ އަހަރު ބޭއްވުމަށް ތާވަލުކުރެވިފައިވާ ބައެއް ހަރަކާތްތަކަށެވެ.

އިރުކޭތަ އާއި ހަނދުކޭތަ

ޖެނުއަރީ 10

ޖެނުއަރީ 10 ވަނަ ދުވަހުގެ ރޭ ހަނދު ކޭތައެއް ހިފާނެއެވެ. މި ކޭތަ ރާއްޖެއަށް ފެންނާނީ ފަނޑު ހިޔަނީގެ ހަނދު ކޭތައެއްގެ ގޮތުގައެވެ. މި ކޭތަ ހިފަން ފަށާނީ، ރާއްޖޭ ގަޑިން އެރޭ 22:07 ގައެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ ޖެނުއަރީ 11 ގެ 00:10 ގައެވެ. ކޭތަ ވީއްލާނީ ދަންވަރު 02:12 ގައެވެ. މި ކޭތަ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ފެންނާނެއެވެ.

ކޭތަގެ މައުލޫމާތު ގެނެސްދޭ މަސްދަރުތަކުން ހާމަކުރާ ގޮތުން މި ކޭތަ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށްވެސް ފެންނާނެއެވެ. އޭގެ އިތުރުން އަރަބި ގިނަ ގައުމުތަކަށާއި އެފްރިކާ ބައްރުގެ ބައެއް ގައުމުތަކަށްވެސް މި ކޭތަ ފެންނާނެއެވެ.

ޖޫން 5

ޖޫން 5 ވަނަ ދުވަހުގެ ރޭ ހަނދު ކޭތައެއް ހިފާނެއެވެ. މި ކޭތަވެސް ރާއްޖެއަށް ފެންނާނީ ފަނޑުހިޔަނީގެ ހަނދު ކޭތައެއްގެ ގޮތުގައެވެ. ކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން އެރޭ 22:45 ގައެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 6 ޖޫން ގެ 00:24 ގައެވެ. ކޭތަ ވީއްލާނީ ދަންވަރު 02:04 ގައެވެ. މި ކޭތަވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެންނާނެއެވެ.

މި ކޭތަ، އޭޝިއާ، ޔޫރަޕް، އެފްރިކާގެ ގިނަ ގައުމުތަކަށް ފެންނާނެއެވެ.

ޖޫން 21

ޖޫން 21 ވަނަ ދުވަހު އިރު ކޭތައެއް ހިފާނެއެވެ. މި ކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން ހެނދުނު 09:39 ގައެވެ. އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ އެ ދުވަހުގެ ހެނދުނު 10:51 ގައެވެ. ކޭތަ ވީއްލާނީ މެންދުރު 12:14 ގައެވެ.

ކޭތަ އާއި ބެހޭ މައުލޫމާތު ގެނެސްދޭ މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުން މި ކޭތަ ރާއްޖެއަށް ފެންނާނީ ފަޅި އިރު ކޭތައެއްގެ ގޮތުގައެވެ. ނަމަވެސް އިންޑިއާ، ޕާކިސްތާނު، އިތިއޯޕިއާ އަދި ކޮންގޯގެ ބައެއް ސަރަހައްދުތަކަށް ގާތްގަނޑަކަށް ފުރިހަމަ ކޭތައެއްގެ ގޮތުގައި މި ކޭތަ ފެންނާނެއެވެ.

ޔޫއެފްއާ ޔޫރޯ 2020

 ޔޫއެފްއާ ޔޫރަޕިއަން ފުޓްބޯލް ޗެޕްމިއަންޝިޕް އަންނަ އަހަރު ބޭއްވިގެންދާނެއެވެ. ޖޫން 12 ވަނަ ދުވަހުން ފެށިގެން ޖުލައި 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް ބޭއްވިގެންދާނީ 12 ސިޓީއެއްގައެވެ. މި މުބާރާތުގައި 20 ޓީމް ބައިވެރިވާނެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު

މިހާރު ހަމަޖެހިފައިވާ ގޮތަށް ކަންކަން ހިނގަމުންދާނަމަ އެމެރިކާގެ ރިޔާސީ އިންތިހާބު އަންނަ އަހަރު އޮންނާނެއެވެ. އިންތިހާބު އޮންނާނީ ނޮވެމްބަރު 3 ވަނަ ދުވަހުއެވެ. އާ ރައީސަކާއި ނައިބު ރައީސަކު އިންތިހާބު ކުރާނީތޯ ނޫނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ނައިބު ރައީސް މައިކް ޕެންސް އާ ދައުރަކަށް އިންތިހާބުކުރާނީތޯ ނިންމުން އޮންނާނެއެވެ.

ނާސާ ގެ މާސް 2020 ރޯވޯ

ރަތް ޕްލެނެޓްގެ ގޮތުގައި މުހާތަބު ކުރެވޭ މާސް ދިރާސާކުރުމުގެ މަޝްރޫއުގެ ދަށުން ހާއްސަ އުޅަނދެއް، 2020 ވަނަ އަހަރުގައި އުދުއްސާލުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި އުޅަނދު އުދުއްސާލާނީ އަންނަ އަހަރުގެ ޖުލައި-އޮގަސްޓް ހިސާބުގައެވެ. އެ ދުވަސްވަރު މި އުޅަނދު އުދުއްސާލެވިއްޖެ ނަމަ، މި އުޅަނދަށް މާސަށް ދެވޭނެ ކަމަށް ލަފާކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ ގައެވެ.

އެންމެ އަގުބޮޑު، އަސް ރޭސް މުބާރާތް

ދުނިޔޭގައި ބާއްވާ އެންމެ އަގުބޮޑު، އަސް ރޭސް މުބާރާތް އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ސައުދީ ކަޕްގެ ނަމުގައި ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 29 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި 14 އަސް ބައިވެރިވާނެއެވެ. މުބާރާތުގައި ވަނަވަނައަށް ދާ ފަރާތްތަކަށް ޖުމްލަ 20 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ. އޭގެ ތެރެއިން 10 މިލިއަން ޑޮލަރަކީ އެއްވަނައަށް ހުށަހެޅިފައިވާ އިނާމެވެ.