ކެބް އެމްވީގެ ޓެކްސީގައި ބޭއްވުނު ގިނަ އަދަދެއްގެ ފައިސާ ވެރިފަރާތްތަކާއި ހަވާލުކޮށްފި

ކެބް އެމްވީގެ ދެ ޑްރައިވަރެއްގެ ސަބަބުން، 50،000 އަށްވުރެ ގިނަ ރުފިޔާ އޭގެ ވެރިފަރާތްތަކާއި ހަވާލުކުރެވިއްޖެއެވެ.

ޓެކްސީގެ ހިދުމަތް ދެމުން އަންނަ ކެބް އެމްވީގެ އޮފިޝަލަކު، "ރޭގަ.ކޮމް" އަށް ވިދާޅުވި ގޮތުގައި ދެ ފަސިންޖަރަކަށް ކެބް އެމްވީގެ ދެ ޓެކްސީއެއްގައި އިއްޔެ ބޭއްވުނު ފައިސާ އާއި ތަކެތި މިހާރު ވަނީ އޭގެ ވެރި ފަރާތްތަކާއި ހަވާލުކުރެވިފައެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ކެބް އެމްވީގެ ޓެކްސީ ހިދުމަތް ހޯދުމަށް ފަސިންޖަރުން ގުޅުމުން އެ ފަސިންޖަރަށް ހިދުމަތް ދޭނެ ޑްރައިވަރުގެ މައުލޫމާތާއި ޑްރައިވަރަށް ގުޅޭނެ ނަންބަރު ފަސިންޖަރަށް ފޯރުކޮށްދޭނެއެވެ.

ފުރަތަމަ ހާދިސާގައި، ކެބް އެމްވީގެ ޓެކްސީއެއްގައި މާލެ އިން އެއާޕޯޓަށް ދިޔަ އަންހެނެއްގެ ފޯނާއި ވޮލެޓް އެ ޓެކްސީއެއްގައި ބޭއްވިފައި އޮތްކަމުގެ މައުލޫމާތު ފަސިންޖަރު ޓެކްސީ ޑްރައިވަރާއި ހިއްސާކުރުމުން އެ ޑްރައިވަރު ވަނީ އެތަކެތި އެ ފަސިންޖަރާއި ހަވާލުކޮށްފައެވެ.

އެ ތަކެތި ފަސިންޖަރަށް ފޯރުކޮށްދިނީ ކެބް އެމްވީގެ ޑްރައިވަރު 8 ކަން ފާހަގަކޮށް އޮފިޝަލް ވިދާޅުވި ގޮތުގައި އެ ވޮލެޓްގައި 2،000 ޑޮލަރާއި ގާތްގަނޑަކަށް 19،000 ރުފިޔާ ހުއްޓެވެ.

ދެވަނަ ހާދިސާއަކީ، ކެބް އެމްވީގެ ޓެކްސީއެއްގައި މާލެ އިން ހުޅުމާލެއަށް ދިޔަ ފަސިންޖަރެއްގެ ލެޕްޓޮޕް ދަބަސް ބޭއްވުނު ހާދިސާއެވެ.

"އެ ދަބަސް ޓެކްސީގައި ބޭއްވިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނީ، އެ ޓެކްސީ އެހެން ދަތުރުތަކެއްވެސް ކުރިފަހުން." އޮފިޝަލް ވިދާޅުވިއެވެ.

ލެޕްޓޮޕް ދަބަހުގައި ފައިސާވެސް ހުރި ކަން ފާހަގަކޮށް އޮފިޝަލް ވިދާޅުވީ އެ ދަބަސް އޭގެ ވެރިފަރާތާއި ހަވާލުކުރެވިފައިވާ ކަމަށެވެ. ލެޕްޓޮޕް ދަބަސް އޭގެ ވެރިފަރާއި ހަވާލުކުރީ ކެބް އެމްވީގެ ޑްރައިވަރު 9 އެކެވެ.

ކެބް އެމްވީގެ އޮފިޝަލް ވިދާޅުވީ އެ ސެންޓަރުގައި މަސައްކަތްކުރާ ޑްރައިވަރުންނަކީ ވަރަށް ޑިސިޕްލިން ޑްރައިވަރުންތަކެއް ކަމަށާއި ޑްރައިވަރުންގެ ފަރާތުން ފެންނަ މިފަދަ ކަންކަން ފާހަގަކޮށް ހިތްވަރުދޭން ބޭނުންވާ ކަމަށެވެ.