8 ވަނަ އަންހެން ވޯލްޑް ކަޕްގައި މުގުރާލި ބައެއް ރެކޯޑުތައް
ޖުލައި ހަތް ވަނަ ދުވަހު ނިމިގެންދިޔަ އަށްވަނަ އަންހެން ވޯލްޑް ކަޕްގެ ތަށި އުފުލާފައި ވަނީ އެމެރިކާ އިންނެވެ. މިއީ އެމެރިކާއިން މި ތަށި އުފުލާލި ހަތަރު ވަނަ ފަހަރެވެ. މި މޮޅަކީވެސް ދުނިޔޭގެ ރެކޯޑުފޮތުން ޖާގަ ހޯދި މޮޅެކެވެ. އެއީ އަންހެން ވޯރލްޑް ކަޕެއްގައި އެންމެ ގިނަ ފަހަރު ތަށި އުފުލާލި ޓީމުގެ ރެކޯޑެވެ.
މިއީ ހަމައެކަނި ޓީމް ޔޫއެސްއޭ އިން މުގުރި ރެކޯޑެއް ނޫނެވެ. މި ޓޯނަމެންޓުގައި މުގުރި އެންމެގިނަ ރެކޯޑު މުގުރަފައިވަނީ އެމެރިކާގެ ޓީމުންނެވެ.
އެންމެ ފުރަތަމަ މި މުބާރާތުގައި އެމެރިކާއިން ކުޅުނު މެޗުގައިވެސް ވަނީ އާ ރިކޯޑެއް ހަދާފައެވެ. އެއީ ތައިލޭންޑާއި ދެކޮޅަށް ކުޅުނު މެޗްގައި ހޯދި 13-0 ގެ ކާމިޔާބީއެވެ. މިއީ އެންމެ ބޮޑު ފަރަގަކުން އަންހެން ވޯލްޑް ކަޕްގައި ހޯދައިފައިވާ ކާމިޔާބީގެ ރެކޯޑެވެ. ކުރިން މި ރެކޯޑް ހަދާފައިވަނީ 2007 ވަނަ އަހަރު ޖާމަނީ އާއި އާޖެންޓީނާ ކުޅުނު މެޗުން 11-0 ކުން މޮޅުވެ އާޖެންޓީނާއެވެ.
ހަމަ މި މެޗުގައި އެލެކްސް މޯގަން ޖެހި 5 ގޯލުވެސް ވަނީ ރެކޯޑުފޮތުން ޖާގަ ހޯދާފައެވެ. އެއީ މެއްޗެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. ނަމަވެސް މި ރެކޯޑު އޮންނަ އެހެން ކުޅުން ތެރިއެއްވެސް ވެއެވެ. އެއީ 1991 ވަނަ އަހަރު ކުޅުނު ސެމި-ފައިނަލް ގައި އެމެރިކާގެ ޓީމްގެ ސްޓްރައިކަރެއް ކަމުގައިވާ މިޝެލް އެކާރސް ޗައިނާގެ ޓައިޕީ އާއި ދެކޮޅަށް ޖެހި 5 ގޯލެވެ.
އެމެރިކާ ޓީމްގެ ކާރލި ލޮޔިޑް ވަނީ ޖެހިޖެހިގެން އެންމެ ގިނަ މެޗްގައި ގޯލުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ލޮޔިޑް ވަނީ ޖެހިޖެހިގެން ހަ މެޗުގައި ގޯލު ޖަހާފައެވެ. ޓީމުގެ މެނޭޖަރުވެސް ވަނީ ރެކޯޑުފޮތުން ޖާގަ ހޯދާފައެވެ. އެއީ މެނޭޖަރެއްގެ ގޮތުގައި އެންމެ ގިނަ އަންހެން ވޯރލްޑް ކަޕް ތަށި ހޯދި މެނޭޖަރު ކަމުގެ ރެކޯޑެވެ.
ފައިނަލްގައި އެންމެ ދުވަސްވީ ގޯލު ޖެހުންތެރިޔާގެ ރެކޯޑު ހޯދާފައިވަނީ އެމެރިކާ ޓިމުގެ ކެޕްޓަނެއްކަމަށްވާ މެގަން ރެޕިނޯއި އުމުރުން 34 އަހަރާއި ދެ ދުވަހުގައި ހޯދަފައެވެ. މި މުބާރާތުގެ ގޯލްޑޭން ބޫޓާއި، ގޯލްޑަން ބޯލް ވެސް ހޯދަފައިވަނީ ރެޕިނޯއިއެވެ. ނަމަވެސް ހެޓް-ޓްރިކް އެއް ހެދި އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ބްރެޒިލްގެ ކްރިސްޓިއާން އެވެ. އެއީ 9 ޖޫންގައި ޖެމެއިކާއާއި ދެކޮޅަށް ކުޅުނު މެޗުގައި އުމުރުން 34 އަހަރާއި 25 ދުވަހުގައެވެ.
މީގެ އިތުރުންވެސް އެތައް ރެކޯޑެއް ވަނީ ހަދާފައެވެ. އަދި މިއީ އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަންހެން ވޯލްޑް ކަޕްވެސް މެއެވެ. މި މުބާރާތަށް ސްޕޮންސަރުންވެސް ކުރީގެ އަހަރުތަކާއި ބަލާފައި ގިނައެވެ. އަދި މޮޅުވާ ޓީމަށް ލިބޭ ފައިސާގެ އިނާމުވެސް ވަނީ ކުރީގެ އަންހެން ވޯލްޑް ކަޕްގެ ފައިސާގެ އިނާމަށް ވުރެން ދެގުނަ އިތުރުވެފައެވެ.