ވިންސްޓަން ކުރަހާފައިވާ ކުރެހުމެއް 7 މިލިއަން ޕައުންޑަށް ވިކިއްޖެ

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލް ކުރަހާފައިވާ ކުރެހުމެއް ހަތް މިލިއަން ޕައުންޑަށް ވިކިއްޖެއެވެ.

މި ކުރެހުމަކީ ބަތަލާ އެންޖެލީނާ ޖޯލީ އަތުގައި އޮތް ކުރެހުމެކެވެ. މިއީ ވިންސްޓަން ކުރަހާފައިވާ ކުރެހުމެއް ރެކޯޑް އަގަކަށް ވިކުނު ފަހަރެކެވެ. މީގެ ކުރިން ވިންސްޓަން ކުރަހާފައިވާ ކުރެހުމެއް ވިކިފައިވާ އެންމެ ބޮޑު އަގަކީ 1.8 މިލިއަން ޕައުންޑެވެ.

ވިންސްޓަން، މި ކުރެހުން ކުރަހާފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުއެވެ. މި ކުރެހުން ވިންސްޓަން ދީފައިވަނީ އެމެރިކާގެ އޭރުގެ ރައީސް ފްރޭންކްލިން ރޫސެވެލްޓަށެވެ. އެންޖެލީނާއަށް މި ކުރެހުން ލިބިފައިވަނީ 2011 ވަނަ އަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.