މަގު ހުރަސްކޮށްލާފައި އެ ދިޔައީ ކިނބުލެއް

ކެނެޑާގެ ސިޓީއެއްކަމުގައިވާ މޮންޓްރިއަލްގެ މަގުމަތިން މިދިޔަ އާދިއްތަ ދުވަހު ފެނުނީ އާދަޔާ ހިލާފު މަންޒަރެކެވެ. އެއީ އެއްގަމު އުޅަނދު ދުއްވާ އަދި މީހުން ހިނގާބިނގާވެ އުޅޭ މަގަކުން ކިނބުލެއް ހުރަސްކުރާ މަންޒަރެވެ. ކިނބޫ މަގު ހުރަސްކުރާ މަންޒަރު ފެންނަ ވީޑިއޯ ވަނީ އިންޓަނެޓްގައި އާންމުވެފައެވެ.

އެގައުމުގެ ފުލުހުންނާއި ހަވާލާދީ ސީބީސީ ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުން އެ ކިނބުލަކީ ކުންފުންޏަކުން ގެންގުޅުނު ކިނބުލެކެވެ. ކިނބޫ އޮތީ، އެ ކުންފުނީގެ މީހުން ގެންގުޅުނު ވޭންގައި ކަމަށާއި ކިނބޫ ވޭން އިން ނިކުތީ ކުންފުނީގެ މީހުން މެންދުރު ކެއުމަށް ދިޔަ ވަގުތުގައި ކަމަށްވެއެވެ.

އިންޓަނެޓްގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުން، "ހަމަޖެހިލައިގެން" އެ ކިނބޫ މަގު ހުރަސްކުރާ މަންޒަރު ފެނެއެވެ.

ކެނެޑާގެ އެހެން ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ކިނބޫ މަގު ހުރަސްކުރިއިރު އެ ސަރަހައްދުގެ ފިނިހޫނުމިނަކީ -4 ޑިގްރީ ސެލްސިއަސްއެވެ. ފިނި މޫސުމުގައި، ކިނބުލަކީ އޭގެ ހަރަކާތް ވަރަސް މަދު ޖަނަވާރެއް ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ކިނބޫ ގެންގުޅުނު ކުންފުނީގެ މުވައްޒަފުން ވަނީ، އެ ސަރަހައްދަށް ކެނެޑާގެ ފުލުހުން އައުމުގެ ކުރިން އެ ކިނބޫ ހިފާފައެވެ.