ޗައިނާގެ ބައެއް ހަގީގަތްތައް

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކީ ޗައިނާއެވެ. އެގައުމުގެ އާބާދީ 1.38 ބިލިއަނަށް އަރައެވެ. ބިމުގެ ގޮތުން ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ގައުމަކީ ޗައިނާއެވެ.

އަސްކަރީ ގޮތުން ޗައިނާއަކީ ވަރުގަދަ ގައުމެކެވެ. އެންމެ އަސްކަރިއްޔާ ބޮޑު ގައުމަކީވެސް ޗައިނާއެވެ. އެގައުމުގެ އަސްކަރިއްޔާގައި ދެ މިލިއަން ސިފައިން ހަރަކާތްތެރިވަމުން އަންނައިރު ރިޒާވް ފޯސްގައި ފަސް ލައްކައަށްވުރެ ގިނަ ސިފައިިން ހިމެނެއެވެ. މިއަހަރު އަސްކަރިއްޔާއަށް ދެވަނައަށް އެންމެ ގިނައިން ހަރަދު ކުރުމަށް ބަޖެޓްކޯށްފައިވާ ގައުމަކީ ޗައިނާއެވެ. މިއަހަރު ޗައިނާއިން އަސްކަރިއްޔާއަށް 177 ބިލިއަން އެމެރިކާ ޑޮލަރު ހަރަދު ކުރުމަށް ވަނީ ބަޖެޓްކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 100 މިލިއަން މީހުންނަށް އާމްދަނީގެ ގޮތުގައި ދުވާލަކަށް ލިބެނީ އެއް ޑޮލަރެެވެ. ޗައިނާގައި މިހާރުވެސް އާބާދީގެ 50 އިންސައްތަ މީހުންނަށް ސާފު ބޯފެން ނުލިބެއެވެ. މަރުގެ އަދަބު އެންމެ ގިނައިން ދޭ އެއް ގައުމަކީ ޗައިނާއެވެ.

ޗައިނާއަކީ އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރާ ގައުމެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކުރާ ގައުމަކީ ޗައިނާއެވެ. ގޭމް ކޮންސޯލް ބޭނުންކުރުން ޗައިނާގައި 2000 ވަނަ އަހަރު މަނާ ކުރެވުނެވެ. ގޭމް ކޮންސޯލް ބޭނުންކުރުމުގެ ހުއްދަ އަލުންދީފައިވަނީ އޭގެ 15 އަހަރު ފަހުންނެވެ.