15 އަހަރު ކުރިން ގެއްލުނު ބުޅާ ފެނިއްޖެ

ލޮސް އެންޖެލްސް : މީގެ 15 ވަރަކަށް އަހަރު ކުރިން ގެއްލުނު ބުޅަލެއް ފެނިއްޖެއެވެ.

ކޮމްޕިއުޓަރު ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޗާލްސް، "ބްރޭންޑީ" ގެ ނަމުން ނަންދީފައިވާ އެ ބުޅާ އެޑޮޕްޓްކުރީ 2005 ވަނަ އަހަރުއެވެ. އޭރު އެ ބުޅަލުގެ އުމުރަކީ ދެ މަސް ދުވަހެވެ.

އެ ބުޅާ ދެނެގަނެފައިވަނީ، ޗާލްސް އެ ބުޅާ އެޑޮޕްޓްކުރިއިރު އޭގައި ހަރުކުރި މައިކްރޯޗިޕްގެ އެހީގައެވެ. ލޮސް އެންޖެލްސް ކައުންޓީ އެނިމަލް ޝެލްޓާއަކުންނާއި މައިކްރޯޗިޕް އުފެއްދި ކުންފުނިން ވަނީ މައިކްރޯޗިޕްގައިވާ ޗާލްސްގެ ފޯނު ނަންބަރަށް ގުޅައި، ބުޅާ ފެނުނުކަން އަންގާފައެވެ.

އެހާ ގިނަ ދުވަހަށްފަހު ބުޅާ ފެނުމުން ގަބޫލުކުރަންވެސް ދަތިވި ކަމަށާއި ނަމަވެސް މައިކްރޯޗިޕްގެ އެހީގައި އެއީ އޭނާގެ ބުޅާކަން ކަށަވަރުކުރެވޭ ކަމަށް ޗާލްސް ވަނީ ބުނެފައެވެ. ބުޅާ ފެނިފައިވަނީ ކެލިފޯނިއާގެ ސިޓީއެއްކަމަށްވާ ޕާމްޑޭލް އިންނެވެ. މިއީ ޗާލްސް ދިރިއުޅޭ ލޮސް އެންޖެލްސްގެ ސެން ފެރްނާންޑޯ ވެލީއާ 65 ކިލޯމީޓަރު ދުރެއެވެ.

ޗާލްސް ބުނި ގޮތުގައި ބުޅާ ގެއްލުނީ އޭނާ އެ ބުޅާ ގެންގުޅެން ފެށިތާ މަދު މަސްތަކެއްގެ ތެރޭގައެވެ. ބުޅާ ގެއްލުމުން ބުޅާ ހޯދުމުގެ މަސައްކަތް އޭރު އޭނާ ކުރިއެވެ. އެގޮތުން އެނިމަލް ޝެލްޓާތައްވެސް ބެލިއެވެ.

ބްރޭންޑީ ފެނުނުއިރު، ބުޅާ ވަނީ ވަރަށް އުމުރުން ދުވަސްވެފައެވެ. އަދި ބުޅާ ވަނީ ވަރަށް ބޮޑަށް ހިކިފައެވެ. ޗާލްސް ބުނި ގޮތުގައި ބްރޭންޑީގެ ބަރުދަން އިތުރުކުރަން ވަނީ ޖެހިފައެވެ.

ޗާލްސް ގަބޫލުކުރަނީ ބުޅާ ގެއްލުމުން، ބަޔަކު އޭނާގެ ބުޅާ ގެންގުޅުނު ކަމަށެވެ. ނަމަވެސް މައިކްރޯޗިޕް ބަލަން އެމީހުން ސަމާލުކަން ނުދިނީ ކަމަށާއި އެގެއިން ބުޅާ ނިކުމެގެން އުޅޭތާ މަސްތަކެއްވެފައިވާ ކަމަށް ޗާލްސް ގަބޫލުކުރެއެވެ. ޗާލްސް ދިރިއުޅޭ ކޮޓަރީގައި މިހާރުވެސް ދެ ބުޅާ ގެންގުޅޭތީ އެ ގޭގައި ބްރޭންޑީ ގެންގުޅެވޭނެ ކަމަށް ގަބޫލުނުކުރެވޭތީ އެ ބުޅާ މިހާރު ބަލަހައްޓަނީ ޗާލްސްގެ ދައްތައެކެވެ. ބްރޭންޑީ ދެކިލުމަށް ޗާލްސް ޒިޔާރަތްކުރެއެވެ.