މި ފުލުސް މީހާ އެދުނީ މީހަކަށް ބޭސްފުޅިއެއް ރައްދުކޮށްދޭން

އިންޖީނުލީ އެއްގަމު އުޅަނދެއް ދުއްވާފައި ދަނިކޮށް، ކުއްލިއަކަށް މަޑުކުރުމަށް ފުލުހަކު އަންގައިފިނަމަަ ހިތައް އަރާނީ ކީކޭ ހެއްޔެވެ؟ މިއީ އިންޑިއާގައި ހިނގި ހާދިސާއެކެވެ. ސައިކަލެއް ދުއްވަމުންދިޔަ މީހަކު ހުއްޓުވައި، ފުލުހަކު ވަނީ އެހެން މީހަކަށް ބޭސްފުޅިއެއް ރައްދުކޮށްދިނުމަށް އެދިފައެވެ.

ސައިކަލެއް ދުއްވަމުންދިޔަ މީހަކު ހުއްޓުވައި އެ މީހާއަކީ ކަރްނަޓަކާގެ މީހެއްތޯ ފުލުސް މީހާ ސުވާލުކުރެއެވެ. ސައިކަލު ދުއްވަން އިން މީހާ އާނއެކޭ ބުުނުމުން، ފުލުސް މީހާ ވަނީ އެހެން މީހަކަށް ބޭސްފުޅިއެއް ރައްދުކޮށްދިނުމަށް އެދިފައެވެ.

ސައިކަލު ދުއްވަމުންދިޔަ މީހާއަށް ބޭސްފުޅިއެއް ދެމުން ފުލުސް މީހާ ބުނި ގޮތުގައި އެ ބޭސްފުޅިއަކީ އުމުރުން ދުވަސްވީ އަންހެނެއްގެ އަތުން ވެއްޓުނު ބޭސްފުޅިއެކެވެ. އެ އަންހެން މީހާ އިނީ، އެ މަގުން ދަތުރުކުރާ ސަރުކާރުގެ ބަހެއްގައި ކަމަށް ފުލުސް މީހާ ބުނެދެއެވެ. ސައިކަލުގައި ގޮސް، އެ ބަހާއި އަރާހަމަކޮށް ބޭސްފުޅި ރައްދުކޮށްދިނުމަށް ފުލުސް މީހާ އެދެއެވެ.

އެއާއެކު ސައިކަލު ދުއްވަމުންދިޔަ މީހާ ވަނީ އޭނާއަށް ހަވާލުކުރެވުނު މަސައްކަތް ފަށާފައެވެ. ސައިކަލުގައި ގޮސް، އެ ބަސް ހޯދުމަށްފަހު މަޑުކޮށްލުމަށް ޑްރައިވަރަށް އިޝާރާތްކޮށްލައެވެ. ބޭސްފުޅި ދިއްކޮށްލުމުން، ބަހުގައި އިން ފަސިންޖަރަކު އެ ބޭސްފުޅި ނަގައެވެ.

މިހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ފުލުސް މީހާ އާއި ސައިކަލު ދުއްވި މީހާ އަދި ބަހުގެ ޑްރައިވަރަށް ތައުރީފުކޮށްފައެވެ. އެއްބަޔަކު ބުނި ގޮތުގައި މިއީ ނަމޫނާ ދައްކުވައިދިން ބައެކެވެ.