ކަންނެއްޔެއް 1.8 މިލިއަން ޑޮލަރަށް ވިކިއްޖެ

ޖަޕާނުގައި ނީލަމެއްގައި ނޫ އުރަހަ ކަންނެއްޔެއް 1.8 މިލިއަން އެމެރިކާ ޑޮލަރަށް ވިކިއްޖެއެވެ.

މި ކަންނެލި ވިކިފައިވަނީ ޓޯކިޔޯގެ ޓޮޔޮސޫ މަސް މާރުކޭޓުގައެވެ. މިއީ މި މާރުކޭޓުގައި މި އަހަރު ބޭއްވި ފުރަތަމަ ނީލަމެވެ.

މި ކަންނެލި ބާނާފައިވަނީ ޖަޕާނުގެ އައޯމޯރި ޕްރިފެކްޗާ އުތުރުންނެވެ. މި ކަންނެލީގެ ބަރުދަނުގައި 276 ކިލޯ ގްރާމް ހުރި ކަމަށް ޖަޕާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ނީލަން ކާމިޔާބުކޮށް މި ކަންނެލި ގަނެފައިވަނީ ޝޫޝީ ރެސްޓޯރަންޓް ހިންގާ ފަރާތެއް ކަމަށްވާ ކިޔޮޝި ކިމުރާއެވެ.

މިދިޔަ އަހަރު ބޭއްވި ނީލަމެއްގައި ކިޔޮޝި ކިމުރާ ވަނީ 3 މިލިއަން ޑޮލަރަށް ކަންނެއްޔެއް ގަނެފައެވެ.