އުތީމު ގަނޑުވަރު: ފައިލް ފޮޓޯ އުތީމު ގަނޑުވަރު ފޭސްބުކް ޕޭޖް

ކަލާފާނު ރަސްގެފާނު

އުތީމު މުޙައްމަދު ތަކުރުފަނު ނުވަތަ ބޮޑު ތަކުރުފާނަކީ އެތައް ގަރުނެއް ވަންދެން ދިވެހިންގެ ހަނދާންތަކާއި ޚިޔަލުތަކުގައި ބިންވަޅުނެގިފައިވާ ފަރާތެކެވެ. ދިވެހިންގެ ޤައުމީ ދުވަސް ފާހަގަ ކުރަނީ އެމަނިކުގެފާނު 1558ކުން 1573އަށް ރާއްޖޭގެ މައްޗަށް ގަދަވެގަނެގެން ތިބި ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކޮށްދިނުމުގައި ދެއްކި ހިތްވަރު ހަނދާން އާ ކޮށްދިނުމަށެވެ.

ނަމަވެސް މިލިޔުމުގައި ދައްކަން މިއުޅެނީ ބޮޑުތަކުރުފާނުގެ ވާހަކައެއް ނޫނެވެ. މިއީ ބޮޑުތަކުރުފާނަށް ލިބިވަޑައިގަތް ހަމައެކަނި ފިރިހެން ދަރިކަލުން، އައްސުލްތާން އިބްރާހިމް 3 ވަނަ އާއި ބެހޭގޮތުން ލިޔެފައިވާ ފަތްކޮޅުތަކެއްގެ ވާހަކައާއި އެމަނިކުފާނު އަވަހާރަވި ގޮތުގެ ވާހަކައެވެ.

އައްސުލްތާން އިބްރާހިމް 3 ވަނަ ނުވަތަ އާންމު ނަމުން ނަމަ ކަލާފާނު މި ދުނިޔެ ދޫކުރެއްވީ ވަރަށް ނާމާން، ހިތާމަވެރި ގޮތެއްގައެވެ. މި ވާހަކަތަށްވެސް އެންމެ ރީތިކޮން، ތަފްސީލާއެކު ލިޔެވިފައި އޮތީ މި ފަތްކޮޅު ތަކުގެތެރެއިން ފަތްކޮޅެއްގައެވެ.

800 އަށް ވުރެ ގިނަ އަހަރުތަކެއްވެފައިވާ މި ފަތްކޮޅުތަކުގައި ދިވެހިރާއްޖޭގެ އެކި ޒަމާންތަކުގައި ރަސްކަމުގައި ތިއްބެވި ރަސްރަސްކަލުންނާއި، ރަނިކަނބަލުން ނެރުއްވި އަމުރުތައް ލިޔެފައި ހުއްޓެވެ. މީގެ ތެރެއިން 10 ފަތްކޮޅުގައި ކަލާފާނުގެ މަހާނައާއި އަދި ފަހުން އެމަހާނަ ކައިރީގައި ބިނާ ކުރެވުނު ޒިޔާރަތުގެ ކަންކަމާ ގުޅިގެން ނެރެފައިވާ ފަތްކޮޅުތަކެކެވެ.

ފްރާންސްވާ ޕިރާޑަކީ ރާއްޖޭގެ ފަރަކަށް އެރުނު ނަވެއްގައި ހުރި ފަރަންސޭސި ވިލާތުގެ ރައްޔިތެކެވެ. ޕިރާޑު ހައްޔަރުވެފައި ރާއްޖޭގައި ހުންނެވި ދުވަސްކޮޅު ރާއްޖޭގައި ރަސްކަން ކުރީވެސް ކަލާފާނެވެ. ޕިރާޑު އެނބުރި ފަރަންސޭސި ވިލާތައްގޮސް ޝާއިއު ކުރި ދަތުރުނާމާގައިވެސް ކަލާފާނު އަވަހާރަ ކޮއްލަން މެދުވެރިވި ސަބަބުތައް ބަޔާންކޮއްފައިވެއެވެ.

ޕިރާޑް ލިޔުއްވާފައިވާ ގޮތުގައި 1607 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި 16 ގުރާބުގެ މައްޗަށް އެކުލެވިފައިވާ އަރުމާދެއް އައިސް ރާއްޖެ ވަންނަން ތައްޔާރުވާ ހަބަރު ރަސްގެފާނަށް ލިބިވަޑައިގަތެވެ. މި ހަބަރު ލިބުނުއިރު ކަލާފާނަށް ރައްކާތެރިކަން ހޯދަން ލަސްވެއްޖެއެވެ. އޭރު މި އަރުމާދު ރަށްތަކާއި ހަމަ ކުރަނީ އެވެ. ރައްކާތެރިކަން ހޯދުމަށް، އަނބިއަނބިކަނބަލުންނާއި، ބޮޑުބޭބެ ކޮއްކޯފުޅު ގޮވައިގެން އެމަނިކުފާނިގެ އޮގަރު ގުރުބާކޮޅަށް އަރާވަޑައިގަތެވެ. ކަލާފާނުގެ އަމުރުފުޅުގެ ދަށުން އަތްޕުޅުގައި ހުންނެވި ގިނަ އަގުހުރި ތަކެތި ނައުކޮޅަކަށް ނޭރުވުނެވެ. އަދި ކަލާފާނުގެ ދިފާއުއަށް ބޭނުންވާ ތަކެތިވެސް ވަގުތު ތަން ނުދިނުމުގެ ސަބަބުން ނޭރުވުނެވެ.

ނައުކޮޅަށް ހުރިހާ ބޭފުޅުންނާއި އެރުވުނު ވަރަކަށް ތަކެތި އަރުވާ ނިމުމުން ރިޔަލާއި ފަލީގައި، ހުވަދުއަތޮޅުގެ ރަށްތަކާއި ދިމާއަށް ދަތުރު ފަށަން އަމަރު ކުރެއްވިއެވެ. ނަމަވެސް ރަސްގެފާނުގެ ނައުކޮޅާ ހަމައަށް ދުޝްމަނުން ފޮނުވި އަށް ގަޑެތި ރަދުންގެ ނައުކޮޅާ ހަމައަށް އައިސް ހަނގުރާމަ ފެށިއެވެ.

މި ހަނގުރަމާގައި ދުޝްމިނުންގެ މީހަކު ޖެހި ނޭޒާއަކުން ލިބިވަޑައިގެންނެވި އަނިޔާއިންނާއި އެޔަށްފަހު ކަނޑިން ކުރި ޒަހަމު ތަކުން ކަލާފާނު އަވަހާރަވީއެވެ. އަދި ރަދުންގެ ކޮއްކޯފުޅު ކަނޑަށް ޣަރަގުވެ އަވަހާރަވީއެވެ. މަލާބާރީންގެ ފޭރޭމީހުން ރަސްގެފާނުގެ އަނބިއަނބިކަނބަލުން ހައްޔަރުކޮށްގެން މާލެ ގެންދިޔައީއެވެ.

ޕިރާޑުގެ ލިޔުމުގައި ވާގޮތުން މިހެން ކަންތައްތައް މެދުވެރިވާން ދިމާވި އެއް ސަބަބަކީ އެދުވަހު ކަނޑު މަޑުވެފައި އެއްގޮތަކަށްވެސް ވައި ނުޖެހޭތީއެވެ. އަދި ރަދުން ދަތުރުކުރަމުން ދިޔަ ނައުކޮޅަކީ ބާރަށް ފަލި ޖެހޭގޮތަށް ފަރުމާ ކޮށްފައިވާ ނައކޮޅަކަށް ނުވާތީއެވެ.

މަލާބާރީންގެ އަތުން ކަލާފާނު ޝަހީދު ވިނަމަވެސް، މީލާދީން 17 ވަނަ ޤަރުނުގެ ބޮޑު ބައެއްގައި ދިވެހި ރާއްޖޭގައި ރަސްކަން ކުރެއްވީ އުތީމު ދަރިކޮޅެވެ. އައްސުލްތާން އިބްރާހިމް 3 ވަނަ އަކީ އުތީމު ދަރިކޮޅުގެ 2 ވަނަ ރަދުންނެވެ.