ޒޭންގް ގެ ނޭފަތުން ނެގި ދަތް އަދި ނޭފަތުން ދަތް ނެގުމުގެ އޮޕަރޭޝަން ކުރަނީ

މީހެއްގެ ނޭފަތުގައި ދަތެއް!

ޗައިނާގައި މީހަކު އޭނާގެ ނޭފަތް ބެދި އުނދަގޫވާތީ ޑޮކްޓަރަށް ދެއްކުމުން ލިބުނީ ހައިރާން ކުރުވަނިވި ޖަވާބެކެވެ. ޑޮކްޓަރުން ބުނި ގޮތުގައި ޒޭންގް ބިންޝޭންގް ނަމަކަށް ކިޔާ އުމުރުން 30 އަހަރުގެ އެ މީހާގެ ނޭފަތް ބެދިފައިވަނީ ނޭފަތު އެތެރޭގައި ދަތެއް އުފެދިފައިވާތީއެވެ.

އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ޒޭންގް ޑޮކްޓަރަށް ދެއްކީ އޭނާއަށް ނޭވާލުމުގައިވެސް އުނދަގޫތަކެއް ކުރިމަތިވާތާ ތިން މަސްދުވަހު ފަހުންނެވެ. ޒޭންގްގެ ނޭފަތު އެތެރޭގައި އެއްޗެއް އިންކަން އެނގުނީ، ޑޮކްޓަރުން ނެގި އެކްސް-ރޭ އަކުންނެވެ.

ޒޭންގް ގެ ނޭފަތުގައި އިން ދަތް ނެގި ޑޮކްޓަރުން ހާމަކުރި ގޮތުގައި އެ ދަތުގައި އެއް ސެންޓިމީޓަރު ހުއްޓެވެ. ދަތް ނެގުމަށް 30 މިނެޓް ހޭދަވި ކަމަށާއި ޒޭންގް ގެ ހާލުވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުންޏެވެ.

ނޭފަތުގައި ދަތެއް އުފެދުމަކީ ވަރަށް ނާދިރުކަމެއް ނަމަވެސް މިފަދަ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވެއެވެ. އެގޮތުން 1959 އިން 2008 ގެ ނިޔަލަށް މިފަދަ 23 ހާދިސާއެއް ރެކޯޑް ކުރެވިފައިވެއެވެ.