ބިލް ގޭޓްސް ގަތް ޔޮޓްގެ ކުރެހުމެއް

645 މިލިއަން ޑޮލަރަށް ބިލް ގޭޓްސް ޔޮޓެއް ގަނެފި

ބިލް ގޭޓްސް، 645 މިލިއަން އެމެރިކާ ޑޮލަރު (9.94 ބިލިއަން ދިވެހި ރުފިޔާ) އަށް ޔޮޓެއް ގަނެފިއެވެ.

ދިގުމިނުގައި 370 ފޫޓު ހުންނަ މި ޔޮޓަކީ ތިމާވެއްޓާއި ރައްޓެހި (އިކޯ-ފްރެންޑްލީ) ޔޮޓެކެވެ. އަކުއާގެ ނަމުން ނަން ދެވިފައިވާ މި ޔޮޓަކީ 14 ގެސްޓުންނާއި 32 ފަޅުވެރިންގެ ޖާގައިގެ ޔޮޓެކެވެ. ޔޮޓުގައި ސުވިމިން ޕޫލަކާއި ޖިމެއް ހިމެނެއެވެ.

ބިލް ގޭޓްސް އަކީ އާންމުކޮށް ސުޕަޔޮޓްތަކުގައި ޗުއްޓި ހޭދަކުރާ މީހެކެވެ. ނަމަވެސް މިއީ އޭނާ ޔޮޓެއް ގަތް ފުރަތަމަ ފަހަރެވެ.

ޔޮޓްގެ ކުރެހުންތައް ދައްކާލާފައިވާއިރު މި ޔޮޓްގެ ނަމޫނާއެއް ވަނީ މިދިޔަ އަހަރު ބޭއްވި މޮނާކޯ ޔޮޓް ޝޯގައި ދައްކާލާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ޔޮޓް ދަތުރުތައް ފަށާނެ ކަމަށް ބެލެވެނީ 2024 ވަނަ އަހަރުއެވެ.

ފަސް ޑެކްގެ މި ޔޮޓްގައި ވީއައިޕީ ފެންވަރުގެ ދެ ކޮޓަރި ހިމެނެއެވެ. އަދި މެހުމާނުންނަށް ހާއްސަ ކޮޓަރިތަކެއްވެސް މި ޔޮޓްގައި ހިމެނެއެވެ.