ކުނި ނުވާ ގޮތަށް ހަދާފައިވާ ޖަނަވާރެއް ފެނިއްޖެ

ކުނި ނުވާ ގޮތަށް ހަދާފައިވާ ޖަނަވާރެއް (މަމީއެއް)، މިސްރުގެ އާކިއޮލޮޖިސްޓުންނަށް ފެނިއްޖެއެވެ. އެގައުމުގެ ކަމާބެހޭ ވުޒާރާއިން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، ކުނި ނުވާ ގޮތަށް ހަދާފައިވާ އެ ޖަނަވާރަކީ ސިންގާއަކަށްވުން އެކަށީގެންވެއެވެ.

އެ މަމީ ފެނިފައިވަނީ މިސްރުގެ ސްޓެޕް ޕިރަމިޑުންނެވެ. ކުނި ނުވާ ގޮތަށް ހަދާފައިވާ ބުޅާ، މީގެ ކުރިން ވަރަށް ގިނައިން ފެނިފައިވެއެވެ. ނަމަވެސް ކުނި ނުވާ ގޮތަށް ހަދާފައިވާ ސިންގާ ފެނިފައިވަނީ ވަރަށް މަދުންނެވެ. ކުނި ނުވާ ގޮތަށް ހަދާފައިވާ ސިންގާއެއް އެންމެ ފުރަތަމަ ފެނިފައިވަނީ 2004 ވަނަ އަހަރުއެވެ.

މިސްރުގެ ސްޓެޕް ޕިރަމިޑުން، މަމިފައިޑްކޮށްފައިވާ ބުޅާވެސް ވަނީ ފެނިފައެވެ. އަލަށް ފެނުނު ތަކެއްޗާއި ބެހޭ ތަފުސީލު ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް މިސްރުގެ ކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެތަކެތި ފެނުނު ސަރަހައްދަކީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ. ޔުނެސްކޯ އިން ބުނާ ގޮތުން މިސްރުގެ ސްޓެޕް ޕިރަމިޑަކީ އެންމެ ފުރަތަމަ އިމާރާތް ކުރެވުނު އަހުރާމެވެ.