ޖެކީ ޗަންގެ ވާހަކަ
ފިލްމްތަކުގައި ސްޓަންޓް ހެދުމުގައި ބޮޑެތި އަނިޔާތަކެއް އޭނާއަށް ލިބުނެވެ. މިއީ މިހާރު އުމުރުން 66 އަހަރުގެ ޖެކީ ޗަންގެ ވާހަކައެވެ.
ޖެކީ ޗަންގެ ބައްޕައަކީ ޖާސޫސެކެވެ. މަންމައަކީ މަސްތުވާތަކެތި ސްމަގުލް ކުރި މީހެކެވެ. ޖެކީ ޗަންގެ އުމުރުން ހަ އަހަރުގައި، މައިންބަފައިން އޭނާ ދޫކޮށްލިއެވެ. ކިޔެވުމަށް ބޯޑިން ސްކޫލަކަށް ފޮނުވާލިއެވެ. އެތަނުގައި ޖެކީ ޗަން ކިޔެވީ މާޝަލް އާޓްސް އާއި ޑްރާމާއެވެ. އޭގެ އިތުރުން އެރޮބެޓިކްސް އަދި ލަވަކިޔަން ދަސްކުރިއެވެ. ކުޑައިރުވެސް ޖެކީ ޗަންއަކީ ވަރަށް ހަރަކާތްތެރި ކުއްޖެކެވެ.
ސްކޫލުގައި ރަނގަޅު ނަތީޖާއެއް ޖެކީ ޗަންއަށް ނުހޯދުނެވެ. ޕްރައިމަރީގެ ފުރަތަމަ އަހަރުވެސް ފެއިލްވިއެވެ. ނަތީޖާ ދަށްވުމުގެ ސަބަބުން ޖެކީ ޗަންއަށް އަދަބުވެސް ލިބުނެވެ.
ޖެކީ ޗަންއަކީ ބުލީގެ ޝިކާރައަކަށްވި ކުއްޖެކެވެ. ބުލީއާ ދެކޮޅަށް ތެދުވުމަށް އޭނާ ބިރުގަތެވެ. ނަމަވެސް އެހެން ކުއްޖަކަށް ބުލީ ކުރެވެމުންދިޔައިރު، އެ ކުއްޖާގެ ދިފާއުގައި ޖެކީ ޗަން ތެދުވިއެވެ. އެހިސާބުން ޖެކީ ޗަންއަށް ބުލީކުރުންވެސް ހުއްޓިގެން ދިޔަ ކަމަށާއި އަމިއްލައަށް ތެދުވަން ދަސްވީ އެހިސާބުން ކަމަށް ޖެކީ ޗަން ބުންޏެވެ.
ގްރެޖުއޭޓްވުމަށްފަހު ޖެކީ ޗަން ވަނީ ބްރޫސް ލީގެ ފިލްްމްތަކުގައި ސްޓަންޓްމޭނެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ދާދި އަވަހަށް މީހުންނަށް އެނގޭ މީހަކަށް ޖެކީ ޗަން ވެގެން ދިޔައެވެ. ސަބަބަކީ އޭނާގެ އާދަޔާ ހިލާފު ސްޓަންޓްތަކެވެ.
ބްރޫސް ލީ މަރުވުމުން، ޖެކީ ޗަން ކުންގް-ފޫ ފިލްމްތައް ކޮންމެވެސް ވަރަކަށް ކުޅުނެވެ. ނަމަވެސް އެ ފިލްމްތައް ފެއިލްވީއެވެ. ބްރޫސް ލީގެ ހުނަރު ޖެކީ ޗަންއަށް ދައްކައި ނުދެވުނެވެ. އޭގެ ފަހުން ޖެކީ ޗަން ވަނީ އޮސްޓްރޭލިއާގައި ކޮންސްޓްރަކްޝަން މަސައްކަތު މީހެއްގެ ގޮތުގައި ވަޒީފާ އަދާކޮށްފައެވެ.
ޖެކީ ޗަން އެނބުރި އައީ އައު ސްޓައިލެއްގެ ފިލްމް އުފެއްދުމުގެ ހިޔާލާއެކުގައެވެ. އެއީ ކޮމެޑީ އަދި މާޝަލް އާޓްސް އެއްކޮށްލައިގެންނެވެ. ދެ އަހަރު ފަހެވެ. އޭޝިއާގައި އެންމެ މުސާރަ ބޮޑު އެކްޓަރަކަށް ޖެކީ ޗަން ވެގެންދިޔައެވެ.
އައު ކާމިޔާބީއަށް ވާސިލުވުމުގައި ޖެކީ ޗަންއަށް އުނދަގޫތަކާއި ކުރިމަތިވިއެވެ. އެންމެ ގާތުގައި އުޅުނު މީހުން ޖެކީ ޗަންއަށް އޮޅުވާލިއެވެ. އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ޖެކީ ޗަން އަތުން ހޯދިއެވެ.
ފަންސާސް އަހަރުގެ ތެރޭގައި ޖެކީ ޗަން ވަނީ 100 އަށްވުރެ ގިނަ ފިލްމް ކުޅެފައެވެ.
ސްޓަންޓްތައް ހަދަން އުޅުމުގެ ތެރޭގައި އޭނާއަށް އެކިފަހަރު މަތިން ވަނީ އަނިޔާ ލިބިފައެވެ. މޯސްޓް ސްޓަންޓްސް ބައި ލިވިން އެކްޓަރުގެ ދުނިޔޭގެ ރެކޯޑް އޮތީ ޖެކީ ޗަން އަތުގައެވެ. ޖެކީ ޗަންއަށް ހަތް ބަހަކުން ވާހަކަ ދައްކަން އެނގެއެވެ.