އެމެޒޮން ޖަންގަލީ ނެތިގެން ގޮސްފިނަމަ؟
ދުނިޔޭގެ ސަމާލުކަން މިހާރު ހުއްޓިފައިވާ އެންމެ ބޮޑު އެއް ކަމަކީ، ބްރެޒިލްގެ އެމޭޒޮން ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރެމުންދާ ދިއުމަށެވެ.
މި ޖަންގައްޔަކީ ދުނިޔޭގެ އެންމެ ބޮޑު ޓްރޮޕިކަލް ރެއިން ފޮރަސްޓެވެ. 5.5 މިލިއަން އަކަކިލޯ މީޓަރު ބޮޑު މި ޖަންގައްޔަކީ އެތައް މިލިއަން ދިރުމެއްގެ ގެދޮރެވެ.
މި ދުވަސްވަރަކީ އެމޭޒޮން ޖަންގަލި ހިމެނޭ ސަރަހައްދަށް ހޫނު މޫސުމުގެ ދުވަސްވަރެވެ. ހޫނު މޫސުމުގައި އާންމު ގޮތެއްގައި އެ ޖަންގަލީގައި އަލިފާން ރޯވެއެވެ. ނަމަވެސް މިފަހަރު ތުހުމަތު ކުރެވިފައިވަނީ، ބަޔަކު ޖަންގަލީގައި ރޯކޮށްލީ ކަމަށެވެ.
އަލިފާންގަނޑު ކޮންޓްރޯލް ނުވެ، އެމޭޒޮން ޖަންގަލީގެ ބޮޑު ސަރަހައްދަކަށް އޭގެ އަސަރުކޮށްފި ނަމަ ދެން ވެގެންދާނީ ކިހިނެތް ހެއްޔެވެ؟
ކުރިންވެސް ފާހަގަކޮށްލި ފަދައިން މި ޖަންގައްޔަކީ އެތައް މިލިއަން ދިރުމެއްގެ ގެދޮރެެވެ. އޭގެ ތެރޭގައި ބައެއް ގަބީލާތަކުގެ މީހުންނާއި ކުދިފަނިފަކުސަ އާއި ދޫނިސުފާސޫފި އާއި އެކި ބާވަތްތަކުގެ ޖަނަވާރާއި އެތައް މިލިއަން ގަސްގަހާގެއްސެއް ހިމެނެއެވެ. މީގެ ތެރޭގައި ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ދިރުންތައްވެސް ހިމެނެއެވެ.
ވޯލްޑް ވައިލްޑްލައިފް ފަންޑުން ހާމަކުރާ ގޮތުގައި، އަލުން އިއާދަނުކުރެވޭ މިންވަރަށް އެމޭޒޮން ޖަންގަލި ހަލާކުވެގެން ދިއުމަކީ އެ ޖަންގަލިން އޮކްސިޖަން އުފައްދާ މިންވަރު މަދުވެގެންދާނެ ކަމެކެވެ. އޭގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ.
ޖަންގަލިން ބޮޑު ބައެއް ހަލާކުވެގެން ދިއުމަކީ މުޅި ދުނިޔެ، ހާއްސަކޮށް އެމޭޒޮން ޖަންގަލި ހިމެނޭ ސަރަހައްދުގެ ފިނިހޫނުމިނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. ވާރޭވެހޭ މިންވަރު މަދުވެ، ބޯ ފެނުގެ ދަތިކަން ކުރިމަތިވުމާއި ދަނޑުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޑޮކްޓަރީ ބޭހާއި ގުދުރަތީ ބޭސް އުފެއްދުމަށް އެމެޒޮން ޖަންގަލީގެ ބޭނުން ހިފައެވެ. އެގޮތުން ބައެއް ބާވަތްތަކުގެ ޑޮކްޓަރީ ބޭސް އުފެއްދުމަށް ހަރުފައިގެ ވިހަ ބޭނުންކުރާއިރު މާމެލާމެއްޔާއި ފަތްޕިލާވެލި ބޭނުންކޮށްގެން ގުދުރަތީ ބޭސް އުފައްދައެވެ. މި ޖަންގަލި ނެތިގެން ދިއުމަކީ ބޭސްވެރިކަމަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.