މެކްޑޮނަލްޑް ހެޕީ މީލްއަކަށް އޯޑަރުކުރުމަށް ފުލުހުންނަށް ގުޅައިފި

އެމެރިކާގެ އެރިޒޯނާ ސްޓޭޓްގައި، އުމުރުން ފަސް އަހަރުގެ ކުއްޖަކު، މެކްޑޮނަލްޑް ހެޕީ މީލްއަކަށް އޯޑަރުކުރުމަށް ފުލުހުންނަށް ގުޅައިފިއެވެ.

ޗާލީ ނަމަކަށް ކިޔާ މި ކުއްޖާ 911 އަށް ގުޅުމުން، ފޯނު ނެގި އޮފިސަރު ވަނީ އިމަޖެންސީއަކީ ކޮން ކަމެއްތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ޗާލީ ވަނީ މެކްޑޮަލްޑް ހެޕީ މީލްއަކަށް އޯޑަރުކޮށްފައެވެ.

ޗާލީ އެގޮތަށް ކަންތައްކުރުމުން ކުޑަކޮށް ނުތަވަސްވި ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ. އަދި ޗާލީގެ ބައްޕަ ވަނީ ފުލުހުންގެ ކިބައިން މައާފަށް އެދި، ފުލުހުންގެ އޮފިސަރަކު ނުފޮނުވިޔަސް އެންމެ ރަނގަޅު ކަމަށް ބުނެފައެވެ.

އެރިޒޯނާގެ ފުލުހުން ވަނީ ޗާލީގެ އެދުނު ކަންތައް ކޮށްދީއެވެ. އެރިޒޯނާގެ ފުލުހުންގެ އޮފިސަރަކު ވަނީ މެކްޑޮނަލްޑް ހެޕީ މީލްއެއް ޗާލީ ދިރިއުޅޭ ގެއަށް ގެނެސްދީފައެވެ. އަދި 911 އަށް ގުޅަންވާނީ ކޮން ކަހަލަ ހާލަތްތަކެއްގައިކަން ޗާލީއަށް ކިޔާދީފައެވެ.