ކޮވިޑްގައި ޓްރަމްޕް މަރުވުމަށް އެދި ޓްވީޓްކުރާ މީހުން ސަސްޕެންޑްކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކޮވިޑް-19 ޖެހިފައިވާކަން ހާމަކޮށްފައިވާއިރު، ބައެއް މީހުން ދަނީ ޓްރަމްޕަށް އަވަސް ޝިފާއަކަށް އެދެމުންނެވެ. އަދި ބައެއް މީހުން ދަނީ އެ ބަލީގައި ޓްރަމްޕް މަރުވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނަމުންނެވެ.

ކޮވިޑް-19 ގައި ޓްރަމްޕް މަރުވާނެ ކަމަށް އުންމީދުކޮށް، ޓްވީޓްކުރާ މީހުންނަށް ޓްވިޓާއިން މިވަނީ އިންޒާރުދީފައެވެ. ޓްވިޓާއިން ބުނީ އެފަދަ ހިޔާލުފާޅުކުރުމަކީ ޓްވިޓާގެ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށާއި އެފަދަ ޓްވީޓްތައް ނުކުރެވޭނެ ކަމަށެވެ. އަދި އެފަދައިން ޓްވީޓްކުރާ މީހުން ސަސްޕެންޑް ކުރާނެ ކަމަށްވެސް ޓްވިޓާއިން ވަނީ ބުނެފައެވެ.

ޓްވިޓާއިން ބުނި ގޮތުގައި ހުރިހާ ޓްވީޓަކަށް އެ އުސޫލުން އަމަލެއް ނުކުރާނެއެވެ. ސަސްޕެންޑް ކުރުމުގައި ބަލާނެ މިންގަނޑުތަކެއް ހުންނާނެ ކަމަށާއި މިއީ އޮޓޮމެޓިކް ސަސްޕެންޝަނެއް ނޫން ކަމަށްވެސް ޓްވިޓާއިން ވަނީ ބުނެފައެވެ.

އެއްވެސް މީހަކު މަރުވުމަށް އެދުން ނުވަތަ އަނިޔާއެއް ލިބުމަށް އެދި ޓްވީޓް ނުކުރެވޭނެ ކަމަށް ޓްވިޓާއިން ވަނީ ބުނެފައެވެ. އެފަދަ ޓްވީޓްތައްވެސް ރިމޫވް ކުރެވޭއިރު މިއީ އޮޓޮމެޓިކް އިން ހިނގާ ކަމެއް ނޫން ކަމަށް ޓްވިޓާއިން ބުނެފައިވެއެވެ.