ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

ދުނިޔޭގެ މަޝްހޫރު ފަންނާނުންވެސް، އެ މީހުންގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. ހަންގަނޑު ރީތިކޮށް ހުރުމަކީ މީހާ ޒުވާންކަމަށް ދައްކުވައިދޭ ކަމެކެވެ.

ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ބައެއް މީހުން ބޮޑެތި ހޭދަތަކެއް ކުރެއެވެ. މި ބަލައިލަނީ ހަންގަނޑު ރީތިކޮށް ބެހެއްޓުމުގައި ހެދޭ ބައެއް ގޯސްތަކާއި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.

ރަނގަޅު ކާނާ ކެއުން

ކެއިންބުއިމުގައި ބޭނުންކުރާ ތަކެއްޗަކީ، އެ މީހެއްގެ ސިއްހަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ޖަންކް ފުޑާއި ލުއި ކާނާ އާއި ހަކުރު ނުވަތަ ލޮނު ގިނަ އަދަދަކަށް އެކުލެވޭ ކާބޯތަކެތި ކާނަމަ އޭގެ ނޭދެވޭ އަސަރު ތިމާގެ ހަންގަނޑުން ފެންނާނެއެވެ. އެފަދަ ކާނާތަކާއި ދުރުވެ، ކެއުމުގައި ހިމަނަންވީ ވިޓަމިން އޭ އަދި ސީ ލިއްބައިދޭ މޭވާ އާއި ތަރުކާރީއެވެ.

ކަސްރަތުކުރުން

ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ގަވާއިދުން ކަސްރަތުކުރަން ޖެހެއެވެ. އެ ގޮތުން ހަށިގަނޑުން ދާ ހިއްލާ ވަރަށް ކަސްރަތުކޮށް، މުޅި ހަށިގަނޑުގައި ލޭ ދައުރުވާ ވަރަށް ކަސްރަތުކޮށްލަންވާނެއެވެ.

ގިނައިން ފެން ބުއިން

ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބޮން ހެއްޔެވެ؟ ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ދުވާލަކު މަދުވެގެން އަށް ތަށި ފެން ބުއިމަށް ސިއްހީ މާހިރުން ލަފާ ދެއެވެ.

ބާރުގަދަ ކެމިކަލް އުފެއްދުންތަކާއި ދުރުވުން

ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް، ބައެއް ފަރާތްތަކުން ބޭނުން ކުރާ ކޮސްމެޓިކްސްގައި ބާރުގަދަ ކެމިކަލް ހިމެނެއެވެ. މިއީ ހަންގަނޑަށް ފައިދާކުރުމުގެ ބަދަލުގައި ގެއްލުން ލިބޭނެ ކަމެކެވެ. ބާރުގަދަ ކެމިކަލް އެކުލެވޭ މިފަދަ ބައެއް ކޮސްމެޓިކްސްގެ ސަބަބުން، ހަމުގެ ބަލިތަކަށްވެސް މަގުފަހިވުމުގެ ފުރުސަތު އޮވެއެވެ. ކޮސްމެޓިކްސް ގަންނައިރު، އޭގައި އެކުލެވޭ މާއްދާތަކަށް ބެލުމަކީ މުހިންމުކަމެކެވެ.