25 ކިލޯ ލުއިކޮށްލި ތަންވީގެ ވާހަކަ
ބަރުދަން ލުއި ކުރުމަކީ ގިނަ މީހުންނަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް ހިތްވަރާއެކު މަސައްކަތްކޮށް ބަރުދަން ލުއިކޮށްލާފައިވާ މީހުންވެސް އެބަ ތިއްބެވެ. ތަންވީ ނަމަކަށް ކިޔާ އުމުރުން 33 އަހަރުގެ މި މީހާވެސް މިވަނީ ހިތްވަރާއެކު މަސައްކަތްކޮށް ބަރުދަނުން 25 ކިލޯ ލުއިކޮށްލާފައެވެ.
ތަންވީ ވަނީ އޭނާ ބަރުދަން ލުއިކުރުމަށް މަސައްކަތް ފެށީ ކީއްވެގެން ކަމާއި ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރިއިރު ކެއުމާއި ކަސްރަތުކުރުން ކުރިއަށް ގެންދިޔަ ގޮތުގެ މައުލޫމާތު ޓައިމްސް އޮފް އިންޑިއާ އަށް ހިއްސާކޮށްފައެވެ.
ބަރުދަން ލުއިކުރުމުގެ މަސައްކަތް ތަންވީ ފެށިއިރު އޭނާގެ ބަރުދަނުގައި ހުރީ 83 ކިލޯއެވެ. މިހާރު އޭނާގެ ބަރުދަނުގައި ހުރީ 58 ކިލޯއެވެ. މިއީ 11 މަސް ދުވަހުގެ މަސައްކަތެވެ.
ތަންވީ ބުނި ގޮތުގައި ބަރުދަން މަތީގައި ހުރި ދުވަސްކޮޅަކީ އޭނާގެ ހަޔާތުގައި އެންމެ އުނދަގޫ ދުވަސްކޮޅެވެ. ތަންވީ އޭނާގެ ދަރިފުޅަށް ބަލިވެ އިންއިރު، ތަންވީގެ ބަރުދަނުގައި ހުރީ 73 ކިލޯއެވެ. އޭރު ޑޮކްޓަރުން ވަނީ މާބަނޑު ދުވަސްވަރު ބަރުދަން، އޭރު ހުރި މިންވަރަށްވުރެ 12 ކިލޯ އިތުރަށް ބަރުވިޔަ ނުދިނުމަށް އިރުޝާދު ދީފައެވެ.
ދަރިފުޅު ވިހެއުމާއެކު ބަރުދަން އިތުރުވެގެން ދިޔަކަން ފާހަގަކޮށް ތަންވީ ބުނީ، އޭނާގެ އުމުރުން 28 އަހަރު ފުރުނުއިރު އޭނާ ފެންނަފެނުމަށް ހީވަނީ ތިން ކުދިންގެ މަންމައެއްހެން ކަމަށެވެ.
ބަރުދަން އިތުރުވުމުން ކަކުލަށް ތަދުވުމާއި ހިތުގެ މައްސަލަތައް ކުރިމަތިވި ކަމަށާއި ބަރުދަން ލުއި ކުރުމަށް މަސައްކަތް ފެށީ އެހިސާބުން ކަމަށް ތަންވީ ބުންޏެވެ.
ތަންވީގެ ނާސްތާ
ހެނދުނު ނާސްތާ: 4 އިޑްލީސް އާއި 3 ބިސް (ހުދުބައި)
ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުމާއި ދެމެދު: އަލަނާސި/ ކެރެޓް ބީޓްރޫޓް ޖޫސް ތަށްޓެއް
މެންދުރު ކެއުން: 1 ބާޖްރާ ރޮށި، ސަބްޒީ އަދި ސެލެޑް
ސްނެކްސް: މޭވާއެއް
ރޭގަނޑުގެ ކެއުން: ތަންވީ ބުނި ގޮތުގައި އޭނާ ރޭގަނޑު ކަނީ އިރުއޮއްސި 6:30 ގެ ކުރިންނެވެ. ރޭގަނޑު އާންމުކޮށް ކަނީ އޯޓްސް، އުޕްމާ (ރަވާ ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާއެއް)، އިޑްލީ އަދި ސަދާ ދޯސާ ކަމަށް ތަންވީ ބުންޏެވެ. އަދި މުޅި ދުވަހުވެސް ގިނައިން ފެންބޯ ކަމަށް ތަންވީ ބުންޏެވެ.
ކަސްރަތު: ހަފުތާއަކު ހަ ދުވަހު، ކޮންމެ ދުވަހަކު ހެނދުނު ޖިމްގައި ވެއިޓް ޓްރެއިނިން، އަދި ހަފުތާއަކު ތިން ދުވަހު ހަވީރު ޒުމްބާ
ބަރުދަން ލުއިކުރުމަށް މޯޓިވޭޝަން ހޯދުމުގެ ގޮތުން ތަންވީ ވަނީ ބަރުދަން ލުއިކުރި މީހުންގެ ވީޑިއޯ އާއި ބަރުދަން ލުއިކުރުމަށް މީހުން މަސައްކަތްކުރި ގޮތާއި ބެހޭ ގޮތުން ލިޔެފައިވާ ލިޔުންތައް ކިޔާފައެވެ.