މިއީ ހިނގާފައި އުޅޭ މީހުންނަށް ލިބޭ ބައެއް ސިއްހީ ފައިދާ
ކިތަންމެ ކައިރީގައި ހުރި ތަނަކަށްވެސް ސައިކަލުގައި ދިޔުމަށް ބައެއް މީހުން ވަނީ އާދަވެފައެވެ. ހިނގާފައި އުޅުމަކީ ހަށިގަނޑަށް ކަސްރަތު ލިބޭ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ހިނގުމުން ލިބޭ ބައެއް ސިއްހީ ފައިދާތަކަށެވެ.
އަދާ ކުރާ ވަޒީފާގެ ގޮތުން ނަމަވެސް ގިނައިރު އިށީނދެ އިނުމަކީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުވާނެ ކަމެކެވެ. އެގޮތުން ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން އިށީނދެ އިނުމަކީވެސް ފައިގެ ނާރުތަކަށް ނޭދެވޭ އަސަރު ކުރާ ކަމެއްކަން ދިރާސާތަކުން ވަނީ ހާމަވެފައެވެ. ފައިގެ ނާރުތަކަށް ކުރާ މި ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ކޮންމެ ދުވަހަކުވެސް 30 މިނެޓް ވަންދެން ހިނގާލުމަކީ ކުރެވިދާނެ ކަމެކެވެ.
ހިނގާފައި އުޅުމަކީ ބައެއް ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތުވެސް ކުޑަކޮށްދޭ ކަމެކެވެ. އާންމުކޮށް ހިނގާފައި އުޅޭ މީހަކަށް ހަކުރު ބަލީގެ ޓައިޕް 2 ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ގަވާއިދުން ހިނގާފައި އުޅުމަކީ، ބްލަޑް ޕްރެޝަރު މަތިވުމުގެ މައްސަލަ ހުންނަ މީހުންނަށްވެސް ފަރުވާއެކެވެ.
ހެލިފެލިވެ އުޅުމަކީ ވަކި އުމުރަކަށް އަދި ވަކި ޖިންސަކަށް އޮތް ކަމެއް ނޫނެވެ. އުމުރުން 60 އަހަރުން މަތީގެ މީހުންވެސް ކަސްރަތެއްގެ ގޮތުގައި ހިނގާލުމަށް ސިއްހީ މާހިރުން ލަފާދެއެވެ. މިކަމުގެ ސަބަބުން އުމުރުން ދޮށިވުމުގެ ސަބަބުން ދިމާވާ ގިނަ ސިއްހީ މައްސަލަތަކުން ދުރުކޮށްދެއެވެ.