ކަސްރަތުން ބަރުދަން ލުއިނުވަނީ ކީއްވެ؟

ބަރުދަން ލުއި ކުރުމަށް ކަސްރަތު ކުރުމުންވެސް އެދެވޭ ރަނގަޅު ނަތީޖާ ނުފެންނަ ކަމަށް ބައެއް މީހުން ބުނެއެވެ. ކަން މިހެން ދިމާވުމަށް މެދުވެރިވާ ބައެއް ސަބަބުތައް އެބަހުއްޓެވެ. ހަމައެކަނި ކަސްރަތަކުން ބަރުދަން ލުއި ނުކުރެވޭނެއެވެ. ކަސްރަތާއެކު ދިރިއުޅުމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހެއެވެ.

ރަނގަޅު ކާނާ ނުކެއުމާއި، މާ ގިނައިން ކެއުން

ބަރުދަން ލުއި ކުރުމުގައި، ކެއިންބުއިމުގެ ކަންކަން ބިނާވެފައި އޮންނަ ގޮތަކީވެސް މުހިންމު ދައުރެއް އަދާ ކުރާ ކަމެކެވެ. ކަމާބެހޭ މާހިރުން ބުނާ ގޮތުގައި ކެއިންބުއިމަކީ، ބަރުދަން ލުއިކުރުމަށް ކުރާ މަސައްކަތުގެ 60 އިންސައްތައެވެ. ހަށިގަނޑަށް ބޭނުންވާ ކާނާ ކެއުމުގައި ހިމަނައި، ސިއްހަތަށް ގެއްލުންހުރި އަދި ބަރުދަން އިތުރުކޮށްދޭ ކާނާތަކާއި ދުރުވާން ޖެހެއެވެ.

ކަސްރަތު ކުރި ނަމަވެސް، މާ ގިނައިން ކެއުމަކީވެސް ބަރުދަން ލުއިނުވުމަށް މެދުވެރިވާ ސަބަބެކެވެ. ކަސްރަތުގެ އެދެވޭ ނަތީޖާ ހޯދުމަށް، ކެއިންބުއިމުން ހަށިގަނޑަށް ލިބޭ ކެލޮރީއަށްވުރެ ބޮޑު އެއްޗެއް ކަސްރަތުން ކެލޮރީގެ ގޮތުގައި އަންދަން ޖެހެއެވެ.

މާގިނައިން ކާޑިއޯ ކަސްރަތު ކުރުން

ކާޑިއޯ ކަސްރަތަކީ ހަށިގަނޑަށް ބޭނުންވާ އެއްޗެކެވެ. ކާޑިއޯ ކަސްރަތުގެ ސަބަބުން ހިތުގެ ސިއްހަތު ރަނގަޅުކޮށްދީ މެޓަބޮލިސަމް ބޫސްޓްކޮށްދެއެވެ. ނަމަވެސް ހަމައެކަނި ކާޑިއޯ ހެދުން ނުވަތަ މާގިނައިން ކާޑިއޯ ހެދުމަކީ ގޯހެކެވެ.

ބަރު އުފުލައިގެން ކުރާ ކަސްރަތުތައް ނުކުރުން

ބަރުދަން ލުއި ކުރުމުގައި، ބަރު އުފުލައިގެން ކުރާ ކަސްރަތުތަކަކީވެސް މުހިންމު ދައުރެއް އަދާ ކުރާ ކަސްރަތުތަކެކެވެ. މިފަދަ ކަސްރަތުތަކުގެ ސަބަބުން ހަށިގަނޑުގެ މަސްތައް ރީތިކޮށްދީ ވަރުގަދަކޮށްދެއެވެ. މިފަދަ ކަސްރަތުތައް ކުރުމުގައި ޖިމްގެ އޮފިޝަލެއްގެ އެހީތެރިކަން ހޯދިދާނެއެވެ.

އެކަށީގެންވާ މިންވަރަށް ކަސްރަތު ނުކުރުން

ބަރުދަން ލުއިނުވާ އަނެއް ސަބަބަކީ، އެކަށީގެންވާ މިންވަރަށް ކަސްރަތު ނުކުރެވުނެވެ. އެކި މީހުންގެ ހަށިގަނޑަށް، ކަސްރަތު ބޭނުންވާނީ އެކި މިންވަރަށެވެ. ޖިމަކަށް ގޮސްގެން ކަސްރަތު ކުރާނަމަ، ޖިމްގެ އޮފިޝަލުންނާއި ވާހަކަ ދައްކާށެވެ. ތިމާގެ ސިއްހީ މައްސަލައެއް ހުރި ނަމަ އެ މައުލޫމާތާއި ބަރުދަން ލުއިކުރަން ބޭނުންވާ މިންވަރާއި އެނޫންވެސް މައުލޫމާތު ދޭށެވެ. އޭރުން ކަސްރަތު ކުރަންވީ މިންވަރު ކިޔައިދޭނެވެ.