ޔޫރިން ޓެސްޓެއް ހަދަނީ

އާ ޔޫރިން ޓެސްޓާއެކު ޕްރޮސްޓޭޓް ކެންސަރުގެ ކުރީކޮޅު ދެނެގަނެވިދާނެ

މުޅިން އަލަށް ދިރާސާކުރަމުން އަންނަ ޔޫރިން ޓެސްޓެއްގެ ސަބަބުން ޕްރޮސްޓޭޓް ކެންސަރުގެ ކުރީކޮޅު ދެނެގަނެވިދާނެ އިނގިރޭސިވިލާތު ރީސާޗަރުންތަކެއް ބުނެފިއެވެ.

ޕްރޮސްޓޭޓް ކެންސަރަކީ ޕްރޮސްޓޭޓް ގްލޭންޑަށް ކެންސަރު ޖެހުމެވެ. މިބާވަތުގެ ކެންސަރު ޖެހެނީ ހަމައެކަނި ފިރިހެނުންނަށެވެ.

ޔޫކޭގެ ރީސާޗަރުން ބުނާ ގޮތުން މި ޔޫރިން ޓެސްޓުން، ކުރީކޮޅު ކެންސަރު ދެނެގަނެވި ފަރުވާ ކުރިއަށް ގެންދަވީ ގޮތެއް ކަނޑައެޅިގެންދާނެއެވެ. ދިރާސާ މަރުހަލާގައި 537 މީހުން ބައިވެރިކޮށްގެން ވަނީ މި ޔޫރިން ޓެސްޓް ހަދާފައެވެ.

ޕްރޮސްޓޭޓް ކެންސަރު ދެނެގަތުމަށް ހަދާ އެއް ޓެސްޓަކީ ޕްރޮސްޓޭޓް-ސްޕެސިފިކް-އެންޓިޖެން (ޕީއެސްއޭ) ލޭގެ ޓެސްޓެކެވެ. މި ޓެސްޓުން ޕްރޮސްޓޭޓް ކެންސަރުގެ ކުރީކޮޅު ދެނެނުގަނެވޭ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން މި ޓެސްޓް ހެދުމަށްފަހު 75 އިންސައްތަ މީހުންގެ ނަތީޖާ އިތުރަށް ޔަގީން ކުރުމަށް އެހެން ޓެސްޓްތަކެއް ހަދަން ޖެހެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކޮންމެ އަހަރަކުވެސް އިނގިރޭސިވިލާތުގައި ޕްރޮސްޓޭޓް ކެންސަރުގެ އާ 47،000 ކޭސް ރަޖިސްޓްރީކުރެވެއެވެ.