ޓިކްޓޮކް އަންއިންސްޓޯލް ކުރުމަށް އެންގުނީ އެރާއަކުން: އެމެޒޮން

މޯބައިލް ފޯނުން ޓިކްޓޮކް އެޕްލިކޭޝަން އަންއިންސްޓޯލް ކުރުމަށް އެމެޒޮންގެ މުވައްޒަފުންނަށް އެންގުނީ އެރާއެއްގެ ސަބަބުން ކަމަށް އެމެޒޮން އިން ހާމަކޮށްފިއެވެ.

ޗައިނާގެ ޓިކްޓޮކް އެޕްލިކޭޝަން، މޯބައިލް ފޯނުތަކުން އަންއިންސްޓޯލް ކުރުމަށް އެމެޒޮން އިން އެ ކުންފުނީގެ މުވައްޒަފުންނަށް އެންގީ އީމެއިލް މެދުވެރިކޮށް ހުކުރު ދުވަހު މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯއެއްގައެވެ.

އެމެޒޮންގެ ތަރުޖަމާނަކު ބީބީސީއަށް ވިދާޅުވި ގޮތުގައި މުވައްޒަފުންނަށް އެ އީމެއިލް ފޮނުވުނީ އެރާއެއްގެ ސަބަބުންނެވެ. ޓިކްޓޮކް އާ ގުޅިގެން އުސޫލުތަކަށް އެއްވެސް ބަދަލެއް މިވަގުތު އައިސްފައިނުވާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މުވައްޒަފުންނަށް އެމެޒޮން އިން ފޮނުވި އީމެއިލްގައި ބުނެފައިވަނީ ސެކިއުރިޓީ ރިސްކް ހުރުމުގެ ސަބަބުން އެމެޒޮންގެ އީމެއިލްތަކަށް އެސެސް އޮންނަ މޯބައިލް ފޯނުތަކުގައި ޓިކްޓޮކް ބޭނުންކުރުން މަނާ ކަމަށެވެ. އަދި އިއްޔެގެ ނިޔަލަށް އެމެޒޮންގެ މުވައްޒަފުންގެ ފޯނުތަކުން ޓިކްޓޮކް އެޕްލިކޭޝަން އަންއިންސްޓޯލް ކުރުމަށް އެންގިއެވެ.

ޓިކްޓޮކް ހިމެނޭ ގޮތަށް ޗައިނާގެ އެޕްލިކޭޝަންތަކެއް އެމެރިކާގައި މަނާކުރުމަށް ވިސްނަމުންދާ ކަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ޓިކްޓޮކް ހިމެނޭ ގޮތަށް ޗައިނާގެ އެޕްލިކޭޝަންތަކެއް، ދާދި ފަހުން ވަނީ އިންޑިއާގައި މަނާކޮށްފައެވެ.