ފަލަ ބަލި ޖެހޭމީހުން ގިނަވަނީ
ފަލަބަލި ނުވަތަ އިނގިރޭސި ބަހުން ނަމަ "އޮބޭސިޓީ" އަކީ ދުނިޔޭގައި މިހާރު ވަރަށް އާންމުކަމެކެވެ. ދުނިޔޭގައި ބަނޑުހައި ހޫނުކަން ތަހައްމަލް ކުރާ މީހުންނަށް ވުރެން ފަލަ ބަލި ޖެހިފައި ތިބި މީހުން މާ ގިނައެވެ. 2013 ވަނަ އަހަރު، "އެމެރިކަން މެޑިކަލް އެސޯސިއޭޝަން" އިން ވަނީ އޮބޭސިޓީ އަކީ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
ދިރާސާތަކުން ދައްކާ ގޮތުން 1980 ވަނަ އަހަރުން 2010 ވަނަ އަހަރާއި ހަމައަށް ދުނިޔޭގައި އޮބީސް މީހުންގެ އަދަދު ވަނީ ދެ ގުނައަށް އިތުރުވެފައެވެ. އޮބީސް ފިރިހެނުންގެ ނިސްބަތް ފަސް އިންސައްތައިން 10 އިންސައްތައަށް އިތުރުވިއިރު އޮބީސް އަންހެނުންގެ ނިސްބަތް ވަނީ އަށެއް އިންސައްތައިން 14 އިންސައްތައަށް އިތުރުވެފައެވެ.
ފަލަ ކަމަށް ކަނޑައަޅަނީ ކިހިނެއްހެއްޔެވެ؟ ފަލަ ކަމަށް ނުވަތަ ސިއްހަތު ރަނގަޅުކަމެއް ބަލާ އެކި މިންގަނޑުތައް ހުރެއެވެ. މީގެ ތެރެއިން ބީއެމްއައި ނުވަތަ ބޮޑީ މާސް އިންޑެކްސް މިއީ އެންމެ އާންމުކޮށް ބޭނުން ކުރާ މިންގަނޑެވެ.
ބީއެމްއައި ބަލަނީ އިސްކޮޅާއި ބަރުދަނާ އަޅާ ކިޔައިގެންނެވެ. މި ދެމިން ބޭނުން ކޮށްގެން ހިސާބު ކުރެވޭ އަދަދު 18.5-24.9 އާއި ދެމެދަށް އައިސްފިނަމަ އެއީ ސިއްހައްތު ރަނގަޅު މީހެކެވެ. ނަމަވެސް 18.5 ވުރެން ދަށްވެއްޖެ ކަމުގައިވާނަމަ ސިއްހަތައް ގެއްލުން ވެދާނެ ވަރަށް ލުއިވީއެވެ. 25.0-29.9 ގައި އެ އަދަދު ހުރި ނަމަ އަދި ފަލަ ބަލި ކަމަކަށް ނުބަލައެވެ. ނަމަވެސް މިއީ އިސްކޮޅާ އަޅާ ބަލާފަ ބީއެމްއައި ހުންނަން ޖެހޭވަރެއް ނޫނެވެ. 30.0 ކަށް ވުރެން މައްޗަށް ބީއެމްއައި ގޮސްފިނަމަ ދެން ފަލަބަލި ކަމަށް ކަނޑައެޅުނީއެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑު ތަކެކެވެ.
އެމެރިކާގެ ކޮންމެ ތިން މީހަކުން އެކަކީ ފަލަ ނުވަތަ އޮބީސް މީހެކެވެ. 2012 ވަނަ އަހަރުގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުން މުޅި ޖުމްލަ 2.8 މިލިއަން މީހުން ކޮންމެ އަހަރަކު ފަލަބަލީގެ ސަބަބުން މަރުވެއެވެ. ރާއްޖެ ހިމެނޭ ދެކުނު އަދި އިރުމަތީ އޭޝިއާގައި މި އަދަދު އުޅެނީ 300،000 ގައެވެ.
ފަލަ ބަލީގެ ސަބަބުން ދިމާވާ މައްސަލަތައްވެސް އެހާމެ ގިނައެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް ކަންބޮޑުވާން ޖެހެނީ ގައިންގަޔަށް ނާރާ ދާއިމީ ބަލިތަކެވެ. އެއީ ހަކުރުބަލި، ލޭ މައްޗައް ދިޔުން، ކޮލެސްޓްރޯލް މައްޗައްދިޔުން، ހިތުގެ ބަލިތައް، ކައްޓާއި ހުޅުގެ ބަލިތައް، އަދި އެކި ކަހަލަ ކެންސަރުތައް ޖެހުމަށް މަގު ފަހިވެއެވެ. މީގެ އިތުރުން ނިދުމުގައި މައްސަލަ ޖެހޭނެއެވެ. ރަނގަޅަށް ނިދި ހަމަ ނުވާނަމަ ބަރުދަން އިތުރުވެސް ވާނެއެވެ.