ނޯޓް 10 ލައިޓް ނެރެނީތަ؟

މަޝްހޫރު ބްރޭންޑެއްގެ އާ ފޯނެއް ނެރޭ ދުވަސް ކައިރިވަމުންދާ ވަރަކަށް އެ ފޯނާއި ބެހޭ ގޮތުން އޯލަ ވާހަކަތައް ގަދަވެއެވެ. އެގޮތުން ސެމްސަންގް ގެލެކްސީ ނޯޓް 10 ލައިޓް ގެ ފޯނުތައް ނެރެން އުޅޭ ކަމަށް އޯލަ ވާހަކަ ދަނީ ފެތުރެމުންނެވެ.

ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި 10 ޕްލަސް ތައާރަފުކުރީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ ދެ މޮޑެލްގެ ފޯނުގައި ހިމެނޭ ބައެއް ސްޕެސިފިކޭޝަން ޑައުންގްރޭޑްކޮށް، ނޯޓް 10 ލައިޓްގައި ހިމެނޭނެ ކަމަށް ބެލެވެއެވެ. ނޯޓް 10 އަދި 10 ޕްލަސް އަށްވުރެ، ނޯޓް 10 ލައިޓް އަގު ހެޔޮވާނެ ކަމަށްވެސް ބެލެވެއެވެ.

އޯލަ ވާހަކަ ދެކެވޭ ގޮތުން، ނޯޓް 10 އަދި 10 ޕްލަސްގެ ސެލްފީ ކެމެރާއަށްވުރެ ނޯޓް 10 ލައިޓްގެ ސެލްފީ ކެމެރާގެ ކޮލިޓީ ރަނގަޅުވާނެއެވެ. ނޯޓް 10 އަދި 10 ޕްލަސްގައި ހިމެނެނީ 10 މެގަޕިކްސެލްގެ ސެލްފީ ކެމެރާއެކެވެ. ނޯޓް 10 ލައިޓްގައި 32 މެގަޕިކްސެލްގެ ސެލްފީ ކެމެރާއެއް ހިމޭނެ ކަމަށާއި ފޯނުގެ ފަހަތުގައި 12 މެގަޕިކްސެލްގެ ވައިޑް-އޭންގަލް ކެމެރާއެއްވެސް ހިމެނޭނެ ކަމަށް ބުނެ އޯލަ ވާހަކަ ދަނީ ފެތުރެމުންނެވެ.