އެސް 10 ލައިޓް އާއި ނޯޓް 10 ލައިޓް ނެރޭނީ
ސެމްސަންގުން ގެލެކްސީ އެސް 10 ލައިޓް އަދި ގެލެކްސީ ނޯޓް 10 ލައިޓް ނެރޭނެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
މި ދެ ފޯނު ވެގެންދާނީ މިދިޔަ އަހަރު ސެމްސަންގުން ނެރެނު އެސް 10 އަދި ނޯޓް 10 ގެ ބަޖެޓް ވާޝަނަކަށެވެ. އެސް 10 އަދި ނޯޓް 10 ގައި ހިމެނޭ ބައެއް ޕްރީމިއަމް ފީޗާސްތައް އެސް 10 ލައިޓް އަދި ނޯޓް 10 ލައިޓްގައި ހިމެނޭނެއެވެ. އެސް 10 އަދި ނޯޓް 10 އާއި އަޅާބަލާއިރު އެސް 10 ލައިޓް އަދި ނޯޓް 10 ލައިޓް ފޯނު އަގު ހެޔޮވާނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެސް 10 ލައިޓް އަދި ނޯޓް 10 ލައިޓްގައި ވެސް ހިމެނޭނީ 6.7 އިންޗީގެ 2400 ގުނަ 1080 ރިޒޮލުޝަންގެ ސުޕާ އެމޯލެޑް ސްކްރީނެކެވެ. މި ދެ ފޯނުގައިވެސް ހުންނާނީ 4500 އެމްއޭއެޗްގެ ބެޓެރީއެވެ. 6 ނުވަތަ 8 ޖީބީގެ ރެމްއެއް މި ދެ ފޯނުގައިވެސް ހުންނާނެ ކަމަށް ބެލެވިފައިވާއިރު އިންޓާނަލް ސްޓޯރޭޖުގައި 128 ޖީބީ ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފޯނު އެސް 10 ލައިޓް އާއި ގުޅޭ ގޮތުން ދެކެވޭ ބައެއް ވާހަކަތައް ބަލައިލާއިރު، ފޯނުގެ ފަހަތުގައި ތިން ކެމެރާ ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރެއިން އެއް ކެމެރާއަކީ 12 މެގަޕިކްސެލް، އެފް 2.2، 12 އެމްއެމްގެ އަލްޓްރާވައިޑް ކެމެރާއެވެ.
ފޯނު ނޯޓް 10 ލައިޓް އާއި ގުޅޭ ގޮތުން ދެކެވޭ ބައެއް ވާހަކަތައް ބަލައިލާއިރު، މި ފޯނުގައިވެސް ފަހަތުގައި ތިން ކެމެރާ ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފޯނުގެ ފަހަތުގައި ހިމެނޭ ތިން ކެމެރާއަކީވެސް 12 މެގަޕިކްސެލްގެ ތިން ކެމެރާއެވެ. އޭގެ ތެރޭގައި ވައިޑް ކެމެރާ އަކާއި ޓެލެފޮޓޯ ކެމެރާ އަކާއި އަލްޓްރާވައިޑް ކެމެރާއެއް ހިމެނެއެވެ.
އެސް 10 ލައިޓް އަދި ނޯޓް 10 ލައިޓް ނެރޭނެ ކަން އިއުލާނުކޮށްފައިވާއިރު، މިހާތަނަށް މި ދެފޯނު ނެރޭނެ ތާރީހެއް އަދި ފޯނުގެ އަގެއް ހާމައެއް ނުކުރެއެވެ.