މޮޓޮރޯލާ "ރޭޒާ" ފޯނެއްގެ ޑިސްޕްލޭ ހަލާކުވެފައި: ފޮޓޯ ރޭ ވޮންގީ ޓްވިޓާ

ފަތްޖަހާލެވޭ ފޯނުތަކުގެ ޑިސްޕްލޭ މައްސަލަތަކެއް ފެންމަތިވަނީ

ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕް އާއި މޮޓޮރޯލާ "ރޭޒާ" ފޯނަކީ ފަތްޖެހޭ ދެ ސްމާޓްފޯނެވެ. މި މޮޑެލްތަކުގެ ފޯނުތައް މިހާރު ވިއްކަން ފަށާފައިވާއިރު، މި ފޯނުތަކުގެ ސްކްރީން ފަސޭހައިން ހަލާކުވާކަމުގެ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.

ފޯނުގެ ސްކްރީން ހަލާކުވާ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ސެމްސަންގުން ނެރުނު ބަޔާނެއްގައި ބުނީ، ފޯނުގެ ޑިސްޕްލޭގައި ރައްކާތެރިކަމުގެ ފަށަލައެއް ހިމެނޭނެ ކަމަށާއި ފޯނު ތައްޔާރުކޮށްފައިވަނީ ބޮޑެތި ޓެސްޓްތަކެއް ކުރުމަށްފަހު ކަމަށެވެ. ފޯނަކީ ފަތްޖަހާލެވޭ ފޯނަކަށްވާތީ ފަރުވާތެރިކަމާއެކު ފޯނު ގެންގުޅުމަށް ސެމްސަންގްގެ ބަޔާނުގައި އެދިފައިވެއެވެ.

ފޯނުތަކުގެ ޑިއުރަބަލް ޓެސްޓް ހަދާ ޔޫޓިއުބާ ޒެކް ނެލްސޮން ވަނީ ސެމްސަންގް ޒެޑް ފްލިޕްގެ ޑިއުރަބިލިޓީ ޓެސްޓެއް ހަދާ ޔޫޓިއުބްގައި ހިއްސާކޮށްފައެވެ.

ޒެޑް ފްލިޕް ފޯނުގައި ސްކްރެޗް އެސިސްޓެންސް ނެތް ކަމަށާއި އިނގިލީގެ ނިޔަފަތީގެ ސަބަބުންވެސް ފޯނުގެ ޑިސްޕްލޭގައި ކޫރުން އެޅޭކަން ޒެކް ވަނީ ފާހަގަކޮށްފައެވެ. ފޯނުގެ ޑިސްޕްލޭ ހަދާފައިވަނީ ކޮން މާއްދާއަކުން ކަންވެސް ނޭނގޭ ކަމަށާއި ސެމްސަންގުން މި ފޯނުގެ ޑިސްޕްލޭއަށް ގްލާސް ޑިސްޕްލޭ ކިޔައިގެންވެސް ނުވާނެ ކަމަށް ޒެކް ވަނީ ބުނެފައެވެ.

މޮޓޮރޯލާ "ރޭޒާ" ފޯނުގެ ސްކްރީންގައި އެއާ ބަބްލް އުފެދި، ސްކްރީން ހަލާކުވެފައި ހުރި ފޮޓޯއެއްވެސް މިހާރު ވަނީ ޓްވިޓާގައި އާންމުވެފައެވެ.

ފޮޓޯ ހިއްސާކުރި މީހާ ބުނި ގޮތުގައި މޮޓޮރޯލާ "ރޭޒާ" ފޯނު އޮތީ އޭނާގެ ޖިންސްގެ ޖީބުގައެވެ. 45 މިނެޓްގެ ރޭލު ދަތުރަކަށްފަހު ބަލައިލިއިރު ފޯނުގެ ޑިސްޕްލޭގައި މައްސަލަ ހުރިކަން ފާހަގަ ކުރެވުނުކަމަށް އޭނާ ބުންޏެވެ.

"ރޭޒާ" ފޯނުން މައްސަލަ ފާހަގަވުމާއި ގުޅިގެން މޮޓޮރޯލާގެ ބެލެނިވެރި ކުންފުނި ލެނޯވޯ އިން ވަނީ އެކަން ބަލަމުންދާކަން ހާމަކޮށްފައެވެ.