"ފައިންޑް މައި މޯބައިލް" ނޮޓިފިކޭޝަނެއް ލިބުނުތައް؟ ވީގޮތް ސެމްސަންގުން ބުނެދީފި

ސެމްސަންގް ފޯނު ގެންގުޅޭ ބައެއް ފަރާތްތަކުގެ ފޯނަށް، ބުރާސްފަތި ދުވަހު ވަނީ "ފައިންޑް މައި މޯބައިލް" ގެ ނޮޓިފިކޭޝަނެއް ލިބިފައެވެ. އެއާއެކު ބައެއް މީހުން ވަނީ، އެމީހުން ފޯނު ހެކްކުރީ ކަމަށް ހީކޮށް ކަންބޮޑުވުންފާޅުކޮށްފައެވެ.

އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީ ސެމްސަންގުން މިހާރު ވަނީ ބަޔާނެއްވެސް ނެރެފައެވެ. ސެމްސަންގުން ބުނި ގޮތުގައި އެފަދަ ނޮޓިފިކޭޝަނެއް ފޮނުވުނީ އޮޅިގެންނެވެ. އަދި އެކަމަށްޓަކައި ސެމްސަންގުން ވަނީ މައާފަށްވެސް އެދިފައެވެ.

އެތައް ހާސް ސެމްސަންގް ފޯނަށް މި ނޮޓިފިކޭޝަން ލިބުމާއި ގުޅިގެން، ފޯނު ގެންގުޅޭ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގއި އެކަން ހިއްސާކޮށް އެއީ ކިހިނެތްވާ ކަމެއްތޯ ސުވާލު އުފައްދާފައެވެ.

ސެމްސަންގް ފޯނުގެ އިތުރުން ބައެއް ޓެބްލެޓްތަކަށްވެސް އެ ނޮޓިފިކޭޝަން ލިބިފައިވާއިރު، ސެމްސަންގުން ބުނި ގޮތުގައި ނޮޓިފިކޭޝަން ފޮނުވުނީ އިންޓާނަލް ޓެސްޓެއް ކުރަން އުޅުމުގެ ތެރޭގައެވެ.

އެ ނޮޓިފިކޭޝަން ލިބުނު އެއްވެސް ފޯނަކަށް ގެއްލުމެއް، އެކަމުގެ ސަބަބުން ނުކުރާނެ ކަމަށްވެސް ސެމްސަންގުން ވަނީ ބުނެފައެވެ.