މާބަނޑު ދުވަސްވަރު އަތާއި ފައި ދުޅަވަނީތަ؟

ބަލިވެއިންނަ ދުވަސްކޮޅަކީ ހަށިގަނޑަށް ބަދަލުތަކެއް އަންނަ ދުވަސްކޮޅެކެވެ. އެގޮތުން މާބަނޑު މީހާގެ އަތާއި ފައި ދުޅަވުމަކީ އާންމު ކަމެކެވެ.

ބައެއް ހާލަތްތަކުގައި މިއީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އޭގެ ތެރޭގައި މޫނު ދުޅަވުން، އާދަޔާ ހިލާފަށް މާބޮޑަށް އަތްފައި ދުޅަވުން، އެއް އަތް ނުވަތަ ފަޔަށްވުރެ އަނެއް އަތް ނުވަތަ ފައި ބޮޑަށް ދުޅަވުން ހިމެނެއެވެ. މިފަދަ ހާލަތެއްގައި ލަސްނުކޮށް ޑޮކްޓަރަށް ލަފާ ހޯދާށެވެ.

މާބަނޑު މީހާގެ އަތާއި ފައި ދުޅަވުމަށް މެދުވެރިވާ އެއް ސަބަބަކީ ބަލިވެއިނުމުން ހަށިގަނޑަށް އިތުރުވެގެންދާ ފެނުގެ ސަބަބުން ރަހިމުގެ ޕްރެޝަރު އިތުރުވުމެވެ. ބަލިވެއިނުމުން ލޭގައި ހިމެނޭ މާއްދާތަކަށްވެސް ބަދަލު އާދެއެވެ. މިއީވެސް މާބަނޑު ދުވަސްވަރު ދުޅަވުމަށް މެދުވެރިވާ ސަބަބެކެވެ.

މާބަނޑު ދުވަސްވަރު، އަތާއި ފައި ދުޅަވާނަމަ، މިއީ އެކަން ކުޑަކުރުމަށް ކޮށްލެވިދާނެ ބައެއް ކަންތައްތަކެވެ.

ފިރިމީހާ ގާތު އެދިގެން އަތާއި ފައި މަސާޖުކޮށްލުން

މާބަނޑު ދުވަސްވަރަކީ، ހާއްސަކޮށް ފިރިމީހާގެ އަޅާލުމާއި އޯގާތެރިކަން އަނބިމީހާއަށް ބޭނުންވާނެ ދުވަސްކޮޅެކެވެ. އަނބިމީހާގެ އަތާއި ފައި މަސާޖުކޮށްދިނުމުގައި އަނބިމީހާއަށް ފިރިމީހާ އެހީތެރިވެދޭށެވެ. މަސާޖުކުރުމުން އަތާއި ފައިގައި ލޭ ދައުރުވުން ރަނގަޅުކޮށްދޭނެއެވެ. ނަތީޖާއަކީ ދުޅަވުން ކުޑަކޮށްދިނުމެވެ.

މަސާޖު ކުރާއިރު، ގޮތް ނޭނގޭ އަދި ބާރުގަދަ ކެމިކަލް އެކުލެވޭ އުފެއްދުންތައް ބޭނުން ނުކުރާށެވެ.

ލޮނު ބޭނުންކުރާ މިންވަރު މަދުކޮށްލާ

ބަލިވެއިންނަ ދުވަސްކޮޅު އަތާއި ފައި ދުޅަވުން ކުޑަކުރުމަށް، ކެއުމުގައި ލޮނު ހިމަނާ މިންވަރު މަދުކޮށްލާށެވެ. ލޮނުގެ ސަބަބުން ގިނައިރު ހަށިގަނޑުގައި ފެން ހިފަހައްޓައެެވެ. އެހެންވީމާ ކެއުމަށް އިތުރަށް ލޮނު ނާޅާށެވެ.

ޕޮޓޭސިއަމް މަދުވުމަކީ މައްސަލައަކަށް ވެދާނެ

ޕޮޓޭސިއަމް މަދުވުމަކީވެސް އަތާއި ފައި ދުޅަވުމަށް މެދުވެރިވެދާނެ ސަބަބެކެވެ. އެހެންކަމުން ޕޮޓޭސިއަމް ގިނައިން އެކުލެވޭ ތަކެތި ކެއުމުގައި ހިމަނާށެވެ. އަލުވި، ދޮންކެޔޮ، ބީންސް އަދި ޔޯގަޓަކީ ޕޮޓޭސިއަމް ގިނައިން ހިމެނޭ ތަކެއްޗެވެ.

ފައި އެލުވާލައިގެން ނީނދޭ

އިށީނދެ އިންނައިރުވެސް، ފައި އެލުވާލައިގެން ނީންނާށެވެ. އިށީނދެ އިންނަން ޖެހޭ ހާލަތްތަކުގައި ކުޑަ ގޮނޑިއެއްފަދަ އެއްޗެއްގެ މައްޗަށް ފައިލައިގެން އިންނާށެވެ.