ޗޫރޯސް

ޗޫރޯސް

ބޭނުންވާ ތަކެތި:

¼ ޖޯޑު ބަޓަރު

1 ޖޯޑު ފެން

1 ޖޯޑު ފުށް

3 ސަމުސާ ހަކުރު

2 ބިސް

ހަކުރާއި ފުނޑުވާފަ ހުރި ފޮނި ތޮށި އެއްކޮށްފައި

ތެލުލަން ބޭނުން ކުރަން ތެޔޮ

ހަދާނެ ގޮތް:

ފުރަތަމަ ފެން ފޮދު ކުޑަ ތެއްޔެއްގައި އުނދުންމައްޗަށް އުދާށެވެ. އޭގެ ތެރެއަށް 3 ސަމުސާ ހަކުރު އަޅާލާށެވެ. އަދި އޭގެ ތެރެއަށް ބަޓަރުކޮޅު އަޅާފައި ވިރުވާށެވެ. ހުރިހާ ބަޓަރެއް ވިރުމުން އުނދުން ނިއްވާލާށެވެ. އަދި ފެންގަނޑު ހޫނުކޮށް ހުއްޓައި ފުށްކޮޅު އަޅާލާފައި ދޭފަތަކުން ރަނގަޅަށް އެއްކޮއްލާށެވެ. ދެން ފުށްގަނޑު ކުޑަކޮށް ހިހޫ ވާންދެން އެހެން ތައްޓަކަށް ފުށްގަނޑު ބަދަލު ކުރިޔަސް އެންމެ ރަނގަޅެވެ. ފުށްގަނޑު ހިހޫވުމުން ފުރަތަމަ އެއްބިސް ތަޅާލާފައި ފުށްގަނޑާއި އެއްކޮއްލާށެވެ. ރަނގަޅަށް އެއްވުމުން އަނެއް ބިސްވެސް އެއްކޮއްލާށެވެ. (2 ބިސް އެއްކޮށް ތަޅައިފިނަމަ ފުށްގަނޑު މާ ދިޔާވެދާނެއެވެ.)

ތެޔޮ ތާސް ހޫނު ކުރަން އުދުމަށް ފަހު ފުށްގަނޑު އައިސްން ޕައިޕިން ބޭގް އަކަށް އަޅާށެވެ. ވީހާވެސް ބޮޑު ތުންގަނޑެއް ބޭނުން ކުރާށެވެ. ތެޔޮގަނޑު ރަނގަޅަށް ހޫނުވުމުން، ސީދާ ތެޔޮ ތާހަށް ޕައިޕް ކުރާށެވެ. އަދި ހެޔޮވަރު ދިގު މިނެއް ނުކުތުމުން ކަތުރަކުން ނުވަތަ ވަޅިއަކުން ބުރި ކޮއްލާށެވެ. ތެލު ލެވުމުން ހުންނާނީ މުށި-ރަން ކުލައެއްގައެވެ. ހޫނުކޮށް ހުއްޓާ ހަކުރާއި ފޮނިތޮށި މިކްސްގައި ޗޫރޯ ރޯލް ކޮއްލާފައި ބޭރުފުށުގައި ހާކާލާށެވެ.

އެންމެ މީރު ވާނީ ހޫނުކޮށް ހުއްޓާ ކެއުމުންނެވެ. އައިސް ކްރީމް ނުވަތަ ޗޮކޮލެޓް ސިރަޕް އެއްކޮށް ޗޫރޯސް ކާށެވެ.