ފޭސްބުކްގެ ގިނަ މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރެވޭނެ

ފޭސްބުކްގެ ގިނަ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ކަމަށް ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ބުނެފިއެވެ.

ބުރާސްފަތި ދުވަހު، މާކް ޒަކަބާގް ބުނީ ބައެއް މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރާއި 10 އަހަރަށް، ފޭސްބުކްގެ ދެބައިކުޅަ އެއްބައި މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ކަމަށް ޒަކަބާގް ބުންޏެވެ.

ގޭގައި ތިބެގެން އެގޮތަށް މަސައްކަތް ކުރެވޭނީ، މީގެ ކުރިންވެސް ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންނަށް ކަމަށް ޒަކަބާގް ވަނީ ބުނެފައެވެ. މުވައްޒަފުން ވަޒީފާއަށް ނެގުމަށް ހުޅުވާލާނީ ރިމޯޓްކޮށް ކަމަށާއި ތަޖުރިބާ ހުރި މުވައްޒަފުން ނެގުމަށް ހުޅުވާލާނެ ކަމަށް ޒަކަބާގް ވަނީ ބުނެފައެވެ.

ފޭސްބުކްގެ އޮފީސްތައް އެންމެ އަވަހަށްވެސް ހުޅުވުމަށް ކަނޑައަޅާފައިވާ ތާރީހަކީ ޖުލައި މަހުގެ ހަވަނަ ދުވަހެވެ. ފޭސްބުކްގެ އޮފީސްތައް ހުޅުވާލާއިރު މުވައްޒަފުންގެ ހަށިގަނޑުގެ ފިނިހޫނުމިން ބެލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފޭސް މާސްކް އަޅަންޖެހޭއިރު އިޖުތިމާއީ ގައިދުރުކަން ބަހައްޓަންޖެހެއެވެ.

ވަޒީފާގެ ގޮތުން ފޭސްބުކްގެ ބައެއް މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ނުކުރެވޭނެއެވެ. އޭގެ ތެރޭގައި ހާޑްވެއާ ޑިވެލޮޕަރުންގެ ވަޒީފާ އަދާކުރާ މުވައްޒަފުންނާއި ކައުންޓާ-ޓެރަރިޒަމް ފަދަ ކޮންޓެންޓް ރިވިއުކުރާ މުވައްޒަފުން ހިމެނެއެވެ.