ޔޫޓިއުބް ޓީވީގެ މަހުފީ އަނެއްކާވެސް ބޮޑުކޮށްފި

މަގުބޫލު ޓީވީ ޗެނަލްތައް ލައިވްކޮށް ސްޓްރީމް ކުރަމުން އަންނަ ޔޫޓިއުބް ޓީވީގެ މަހުފީ އަނެއްކާވެސް ބޮޑުކޮށްފިއެވެ.

ޔޫޓިއުބް ޓީވީގެ މަހުފީގެ ގޮތުގައި މިހާތަނަށް ނަގަމުން ދިޔައީ 50 ޑޮލަރެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 64.99 ޑޮލަރަށް އިތުރުކޮށްފައެވެ.

މަހުފީ އިތުރުކުރީ، ޔޫޓިއުބް ޓީވީ އިން ހާމަކުރި ގޮތުގައި އާ ޗެނަލްތަކެއް އެ ޕްލެޓްފޯމަށް އިތުރު ކުރެވިގެންދިއުމާއެކުގައެވެ. އަލަށް އިތުރުކުރެވުނު ޗެނަލްތަކުގެ ތެރޭގައި ކޮމެޑީ ސެންޓްރަލް، އެމްޓީވީ، ނިކަލޯޑިއަން އަދި ޕެރަމައުންޓް ނެޓްވޯކް ހިމެނެއެވެ.

ޔޫޓިއުބް ޓީވީގެ ހިދުމަތް ފެށިއިރު، މަހުފީގެ ގޮތުގައި ކަނޑައަޅާފައިވަނީ 35 ޑޮލަރެވެ. ސީއެންއެން އާއި ކާޓޫން ނެޓްވޯކް ހިމެނޭ ގޮތަށް ޔޫޓިއުބް ޓީވީއަށް ޗެނަލްތަކެއް އިތުރުކޮށް، މަހުފީ 40 ޑޮލަރަށް އިތުރުކުރީ 2018 ވަނަ އަހަރުއެވެ. އަނެއްކާވެސް އިތުރު ޗެނަލްތަކެއް ޔޫޓިއުބް ޓީވީގައި ހިމަނާ، މަހުފީ 50 ޑޮލަރަށް އިތުރުކުރީ 2019 ވަނަ އަހަރުއެވެ.

ނުވަދިހަ އަށްވުރެ ގިނަ ޓީވީ ޗެނަލް ޔޫޓިއުބް ޓީވީގައި މިހާރު ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި އެނިމަލް ޕްލެނެޓް، ބީބީސީ، ޑިސްކަވަރީ، ޑިޒްނީ، އީއެސްޕީއެން، ނެޝަނަލް ޖިއޮގްރަފީ ހިމެނެއެވެ.