ވެކްސިނާ ބެހޭ ދޮގު މައުލޫމާތު ހުރި 30،000 އަށްވުރެ ގިނަ ވީޑިއޯ ނަގައިފި

ކޮވިޑް-19 ގެ ވެކްސިނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ހުރި 30،000 އަށްވުރެ ގިނަ ވީޑިއޯ ޔޫޓިއުބުން ނަގައިފިއެވެ.

ޔޫޓިއުބުން ހާމަކުރި ގޮތުގައި، އެ އަދަދަކީ ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި ޔޫޓިއުބުން ނަގާފައިވާ ވީޑިއޯގެ އަދަދެވެ.

ސިއްހީ މާހިރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކޮވިޑް-19 އަދި ކޮވިޑް-19 ގެ ވެކްސިނާއި ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމެވެ. ބައެއް މީހުން ދަނީ އެފަދަ މައުލޫމާތުތައް ގަބޫލުވެސް ކުރަމުންނެވެ.

ކޮރޯނާވައިރަސްއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ހިމަނައިގެން ޔޫޓިއުބްގައި އާންމުކޮށްފައިވާ 800،000 ވުރެ ގިނަ ވީޑިއޯ މިދިޔަ އަހަރު ނަގާފައިވާ ކަމަށް ޔޫޓިއުބުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އަދި ކޮވިޑް-19 ވެކްސިނާ ބެހޭ ގޮތުން ތަފާތު ތިއަރީތަކަށް ބިނާކޮށް ދޮގު މައުލޫމާތު ހިމެނޭ ވީޑިއޯ އާންމުކުރާ އެއް ޕްލެޓްފޯމަކީ ޔޫޓިއުބެވެ.