އުކުނު ނައްތާލަން އުނދަގޫތަ؟
ބޮލުގައި އުކުނު އުޅޭ ކަމަށް މީހަކު ބުނެފި ނަމަ ކުރެވެނީ ކޮން ކަހަލަ އިހުސާސެއް ހެއްޔެވެ؟ ބޮލުގެ އިސްތަށިގަނޑުގައި އަޅާ އުކުނަކީ އެކެއްގެ ފަރާތުން އެހެން މީހަކަށް ފޯރާ އެއްޗެއްގެ އިތުރުން މިއީ ވަރަށް އަވަހަށް އޭގެ އާބާދީ އިތުރުވާ ސުއިއްޕެކެވެ.
ބޮލުގެ އިސްތަށިގަނޑުގައި އަޅާ އުކުނު
މިއީ ވަރަށް ކުޑަ ސުއިއްޕެކެވެ. މި ބާވަތުގެ އުކުނަކީ އިންސާނާގެ ލޭ ބޮއިގެން އުޅޭ އެއްޗެކެވެ. ބޮޑު އުކުނެއް، އެވަރެޖްކޮށް ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 10 ބިސް އަޅާއިރު، މި ބިސްތައް ހުންނަނީ އިސްތަށިގަނޑުގައެވެ. މި ބިސްތައް ފީވެ، ކުދި އުކުނުތައް ނުކުންނަން ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ހޭދަވެއެވެ. މި ކުދި އުކުނުތައް އިންސާނާގެ ލޭ ބޯން ފަށައެވެ. މި އުކުނުތައް ބޮޑުވެ ބިސްއަޅާ ހިސާބަށް ދިއުމަށް ނަގަނީ ގާތްގަނޑަކަށް 20 ދުވަހެވެ.
އުކުނު ނައްތާލަން އުނދަގޫވަނީ ކީއްވެ؟
އުކުނު ނައްތާލަން އެންމެ އުނދަގޫވާ އެއް ސަބަބަކީ އުކުނު އުޅޭކަން އެނގޭއިރު އޭގެ އާބާދީ މާބޮޑަށް އިތުރުވެފައިވުމެވެ. އަދި އާއިލާގެ އެހެން މެންބަރުންނަށް އުކުނުގެ އަސަރު ފޯރާފައިވުމަކީވެސް އުކުނު ނައްތާލަން އުނދަގޫވާ ސަބަބެކެވެ.
ބޮލުގެ އިސްތަށިގަނޑުގައި އަޅާ އުކުނަކީ ގާތްގަނޑަކަށް އަށް ގަޑިއިރުވަންދެން ނޭވާ ނުލައި ހުރުމުގެ ގާބިލުކަން ލިބިފައިވާ ސުއިއްޕެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފެން ވަރާއިރު އަދި ބޭނުންކުރާ އާދައިގެ ޝޭމްޕޫތަކުގެ އަސަރު މި ސޫފިތަކަށް ނުކުރެއެވެ.
އުކުނު ފެތުރެނީ ކިހިނެތް؟
ޒަމާނުންސުރެ ދެކެވޭ އެއް ވާހަކައަކީ، އުކުނަކީ ފެން ނުވަރާ މީހުންގެ ބޮލުގައި އުޅޭ އެއްޗެއް ކަމަށް ބުނެ ދެކެވޭ ވާހަކައެވެ. ނަމަވެސް ހަގީގަތަކީ މިއެއް ނޫނެވެ. ތޮފި، ސްކާފް، ބާލީސް ފަދަ އެއްޗަކުންވެސް އުކުނު އަރާފާނެއެވެ.
އުކުނު ނައްތާލާނީ ކިހިނެތް؟
އުކުނު ފިލުވުމަށް ބައެއް މީހުން އިސްތަށިގަނޑު ކޮށާލައެވެ. ބައެއް ފިރިހެނުން ބޯ ބާލައެވެ. މިއީ އަދި މިކަމުގެ ހައްލެއް ނޫނެވެ. އަންނައުންތަކާއި ބާލީހާއި ގޮދަޑީގައިވެސް އުކުނު އުޅުމުގެ ފުރުސަތު އޮތުމުން އެފަދަ ތަކެތިވެސް ރަނގަޅަށް ދޮވެ އުކުނު ނައްތާލަން ޖެހެއެވެ. އަންނައުން ފަދަ ތަކެތި ދޮންނައިރު ހޫނު ފެން ބޭނުން ކުރުމަކީ އުކުނު ނައްތާލުމަށް ކުރެވިދާނެ ކަމެކެވެ.
އުކުނު ފިލުވުމަށް ހާއްސަ ފުނާ ތައްޔާރުކޮށްފައި ހުރެއެވެ. މިފަދަ ފުނާ ބޭނުންކޮށްގެން އުކުނު ފިލުވުމަށް މަސައްކަތްކުރާއިރު އެންމެ ބިހެއްވެސް ނުނެގި އޮވެއްޖެ ނަމަ އަނެއްކާވެސް އުކުނު އާލާވުމުގެ ފުރުސަތު އޮވެއެވެ.
މިހާރު އާންމުކޮށް މީހުން ބޭނުން ކުރަނީ އުކުނު ފިލުވުމަށް ހާއްސަ ޝޭމްޕޫ ނުވަތަ ސްޕްރޭއެވެ. ނަމަވެސް ކުރިން ފާހަގަ ކޮށްލި ފަދައިން އުކުނަކީ އަށް ގަޑިއިރު ވަންދެން ނޭވާ ނުލާ ހުރުމުގެ ގާބިލުކަން ހުރި އެއްޗަކަށް ވުމުން އިސްތަށިގަނޑޫ މާ އަވަހަށް ދޮވެފި ނަމަ އުކުނަށް އެ ސްޕްރޭ ނުވަތަ ޝޭމްޕޫގެ އަސަރެއް ނުކުރެއެވެ.