އެޕަލްގެ ހާއްސަ އިވެންޓެއް ޑިސެމްބަރު 2 ގައި

އެޕަލްގެ ހާއްސަ އިވެންޓެއް ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، މި އިވެންޓަކީ އެޕަލްގެ މިއަހަރުގެ އެންމެ މަގުބޫލު އެޕްސް އަދި ގޭމްތަކަށް ހާއްސަކޮށްގެން ބާއްވާ އިވެންޓެކެވެ. މިދިޔަ އަހަރުވެސް، އެޕަލް އިން ވަނީ އެޕްލިކޭޝަންތަކަށް އެވޯޑް ދީފައެވެ.

މިދިޔަ އަހަރުގެ އެ އިވެންޓްގައި ނޫސްވެރިން ބައިވެރިނުކުރި ނަމަވެސް، މި އަހަރުގެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޫސްވެރިންވެސް ބައިވެރިކޮށްގެންނެވެ. މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ނިއު ޔޯކް ސިޓީގައެވެ.

އަންނަ މަހު ބާއްވާ އިވެންޓްގައި، އެޕަލްގެ އާ އުފެއްދުމެއް އިއުލާނު ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ސީއެންބީސީ އިން ވަނީ ރިޕޯޓްކޮށްފައެވެ. އެޕަލް އިން މިފަދަ އިވެންޓެއް ބާއްވަން އުޅޭކަން ނޫސްތަކުން ރިޕޯޓްކުރި ނަމަވެސް، އެޕަލްގެ ވެބްސައިޓްގައި މި އިވެންޓް އަދި ލިސްޓެއް ނުކުރެއެވެ.